30 Oct 2010, 08:17
ތާރީހު ކަނޑައަޅައި ރައްޔިތުންނަށް ނުފުއްދެވޭ ވައުދުތައް ވެވަޑައި ނުގެންނެވުމަށް އެމްޑީޕީ ކޮންގްރެސްގެ ބައެއް ބައިވެރިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ކިބައިން އެދިވަޑައިގެންފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިރޭގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްސްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް މިއަދު ހެންދުނާއި މެންދުރު ކުރިއަށްދިޔަ ސެޝަންގައި އެކި ދާއިރާތަކުގެ ބައެއް އިސް މަންދޫބުން ވިދާޅުވީ، ތާރީހުތަކެއް ދިނުމަށް ފަހު ކޮށްދޭނެ ކަމަށް ސަރުކާރުން ބުނާ ވައުދުތައް އެ މުއްދަތުގައި ނުކޮށްދެވުމުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާކަމަށެވެ. އަދި އެކަމަކީ ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިވެދާނެ ގޮންޖެހުމެއްކަން ފާހަގަކޮށް، ކަންކަން ކޮށްދިނުމަށް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވާ އިރު ތާރީހު ވިދާޅު ނުވުމަށް ވެސް އެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
‹އެމްޑީޕީ ބޭނުން ވަނީ ކުރިއަށް އޮތް 100 އަހަރު ރާއްޖޭގެ ވެރިކަން ކުރުމަށް ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާކަމެއް ކުރުމަށް ތިބެން ޖެހޭނީ ތައްޔާރަށް›
މިއަދުގެ ސެޝަންގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވިދާޅުވީ، އެ މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ދާއިރާއަކުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް އެކަމަށް ގޮންޖެހުންތަކެއް ހުރި ކަން ވެސް އެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވީ، އެމްޑީޕީން ގެނައި ޑިމޮކްރަސީއާ އެކު މީޑިޔާ މިނިވަންވެފައިވީ ނަމަވެސް ސަރުކާރުން ކޮށްދޭ ކަންތައްތައް މީޑިޔާތަކުން ރައްޔިތުންނަށް އަންގައިދެމުން ނުދާ ކަމަށެވެ. އެހެންކަމުން އެމަކަށްޓަކައި އެމްޑީޕީގެ މީޑިޔާ ޔުނިޓެއް ގާއިމްކޮށް އެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ވެސް މެންބަރަކު ގޮވައިލެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓްގައި ނުކުތް މެންބަރުންނާއި ޕާޓީގެ އެހެން މެންބަރުން ވާދަ ކުރުމާއި، ޕާޓީގެ ރޫހާ ހިލާފަށް ކެމްޕެއިންކޮށްފައި ވާތީ، މި އިންތިހާބުގައި ވެސް އެފަދަ ކަންތައް ހިނގައިފާނެ ކަމަށް ވެސް ބައެއް މެންބަރުން ފާހަގަ ކުރެއްވި އެވެ. އަދި އެ ހިޔާލުގެ މެންބަރުން ތިއްބެވި ނަމަ ކޮންގްރެސް ދޫކުރައްވައި ވަގުތުން ނިކުންނެވުމަށް ވެސް ބައެއް މެންބަރުން ގޮވައިލެއްވި އެވެ. އަދި ސްޓޭޓް މިނިސްޓަރުންގެ ގޮތުގަޔާއި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތު ބަޔަކު ތިބެގެން ސަރުކާރު ހިންގުމަށް ހުރަސްއަޅަމުން ގެންދާ ކަމަށާއި އެކަން ރަނގަޅަށް ބައްލަވައި އެފަދަ ބޭފުޅުން ދުރު ކުރުމަށް ވެސް ބައެއް މެންބަރުން ރައީސްގެ ކިބައިން އެދިވަޑައިގެންނެވި އެވެ. އަދި އެމްޑީޕީ ބޭނުން ވަނީ ކުރިއަށް އޮތް 100 އަހަރު ރާއްޖޭގެ ވެރިކަން ކުރުމަށް ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާކަމެއް ކުރުމަށް ތިބެން ޖެހޭނީ ތައްޔާރަށް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
ބައެއް މެންބަރުން ވިދާޅުވީ މި ކޮގްރެސް މާލޭ ސިޓީގައި ބާއްވާފައި ވާތީ ދެން އޮންނަ ތިން ވަނަ ކޮންގްރެސް އައްޑޫ ސިޓީގައި ބޭއްވުމަށް ބޭނުންވާ ކަމަށެވެ.
މި ސެޝަންގައި ޅ. ނައިފަރު ދާއިރާގެ މެންބަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ، އަނެއް ރާއްޖެ އަށް ދިއުމަށް ކަޑައްތު ކުރަން ޖެހޭ އެންމެ މުހިއްމު މަރުހަލާކަމަށެވެ. އަދި ވޭތިވެދިޔަ 30 އަހަރު ވެރިކަންކުރެއްވި ބޭފުޅުންނާ ހިލާފަށް އެމްޑީޕީން ބޭނުން ވަނީ ރައްޔިތުންނަށް ބާރު ދިނުމަށް ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
"ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރުމުން ތިބެވޭނީ އަނެއް ދިވެހި ރާއްޖޭގެ ފަޅުތެރެއަށް ވަދެވިފައި. ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ގޮނޑި އެމްޑީޕީގައި ނެތުމުން އުނދަގޫތަކެއް ދިމާވޭ. ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރާނަން. އަޅުގަނޑުމެން އެއްފަހަރު ދެ ފަހަރު ތިން ފަހަރު ގޭގެއަށް ދާނަން، ވޯޓު ހޯދާނަން. އަދި އިންތިހާބު ކާމިޔާބު ކުރާނަން" ޑރ. އަހްމަދު ޝަހީދު ވިދާޅުވި އެވެ.