05 Jun 2013, 23:38
ދުނިޔޭގެ އެންމެ ބޮޑު ވައިގެ ދަތުރުފަތުރާ ބެހޭ ޖަމިއްޔާ، އިންޓަރނޭޝަނަލް އެއާ ޓްރާންސްޕޯޓް އޮތޯރިޓީ (އަޔާޓާ) އިން 2014 ވަނަ އަހަރު ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ އެ ޖަމިއްޔާގެ 70 ވަނަ އަހަރީ އާއްމު ބައްދަލުވުމާއި ދުނިޔޭގެ އެންމެ ބޮޑު ދަތުރުފަތުރާ ބެހޭ ސަމިޓް، ވާރލްޑް ޓްރާންސްޕޯޓް ސަމިޓް އިންތިޒާމުކުރާ ފަރާތަކަށް ޤަތަރު އެއާވޭސް ހަމަޖައްސައިފިއެވެ.
މި ދެ ޙަފުލާގެ އިންތިޒާމުތައް ޤަތަރު އެއާވޭސްއާ ހަވާލުކުރިކަން އިއުލާނުކޮށްފައި ވަނީ ސައުތުއެފްރިކާގެ ކޭޕްޓައުންގައި ބޭއްވި އަޔާޓާގެ މިއަހަރުގެ އަހަރީ އާއްމު ބައްދަލުވުން ނިންމާލުމުގެ ހަފުލާގައެވެ.
އަޔާޓާ ގެ ބޯޑަށް މިދިޔަ އަހަރު ހޮވިވަޑައިގެންނެވި ޤަތަރު އެއާވޭސް ގެ ސީއީއޯ އަކްބަރު އަލް ބޭކާ ވަނީ ރޭގެ ހަފުލާގައި ވާހަކަފުޅުދައްކަވައި، ގަތަރުގެ ދައުލަތާ ބެހޭ ވީޑިއޯއެއް ހުށަހަޅައިދެއްވާފަ އެވެ.
"އަންނަ އަހަރު އަޔާޓާގެ އަހަރީ ޢާންމު ޖަލްސާ ފުރަތަމަ ފަހަރަށް އަޅުގަނޑުމެންގެ ވެރިރަށް ދޯހާއަށް ގެނައުމަކީ ޤަތަރު އެއާވޭސް އާއި ޤަތަރުގެ ދަޢުލަތުން ވެސް ނުހަނު ފަޚުރުވެރިވާ ކަމެއް،" އަކްބަރު އަލް ބޭކާ އެ ހަފުލާގައި ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
"ސަތާރަ އަހަރުގެ ދިގު މުއްދަތަކަށްފަހު އަންނަ އަހަރުގެ ބައްދަލުވުމަށް އަޔާޓާ އަނެއްކާ ވެސް މެދު އިރުމައްޗަށް މި އަންނަނީ، އަޅުގަނޑުގެ ޤައުމުގައި މި ބައްދަލުވުން ބޭއްވުމީ ތިޔަބޭފުޅުން ނިންމެވި ރަނގަޅު ނިންމެވުމެއްކަން އަޅުގަނޑުމެން ސާބިތުކޮށްދޭނަން. މި ނިންމުމުން އެނގިގެން ދަނީ އަޅުގަނޑުމެންގެ ޤައުމާއި ވެރިރަށަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މަގުން އަވަސް ހަލުވިމިނެއްގައި ކުރިއަރަމުން އަންނަ މަރުކަޒެއްކަން،" އަކްބަރު އަލް ބޭކާ ވިދާޅުވިއެވެ.
ގަތަރު އެއާވެސް އަޔާޓާގެ މެމްބަރަކަށްވީ 1997 ވަނަ އަހަރު އެވެ. ޤަތަރުގެ ވެރިރަށް ދޯހާގައި ގާއިމުވެފައިވާ ޤަތަރު އެއާވޭސް އަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް އެއާލައިނެވެ. ގަތަރު އެއާވޭސް އުފެދުނު ފަހުން ފާއިތުވި 16 އަހަރުގެ ކުރު މުއްދަތުގެ ތެރޭގައި ޤަތަރު އެއާވެސްއިން ޔޫރަޕަށާއި މެދު އިރުމައްޗަށާއި، އެފްރިކާއާއި އޭޝިޔާ ޕެސިފިކާއި އުތުރު އަދި ދެކުނު އެމެރިކާގެ ޤައުމުތަކާ އެކު މުޅިއެކު 128 ތަނަކަށް އާއްމުކޮށް ދަތުރުތައް ފަށާފައިވެ އެވެ. އެ އެއާލައިންގެ ފްލީޓުގައި މިވަގުތު ޒަމާނީ 124 މަތިންދާބޯޓު ބޭނުންކުރެ އެވެ.
ޤަތަރު އެއާވެސްއިން އަލަށް ހަ މަންޒިލަކަށް މިއަހަރު ދަތުރުތައް ފެށުމަށް ވަނީ ހަމަޖައްސައިފަ އެވެ. އޭއީ ސައުދި އެރެބިއާގެ ގަސަމަށާއި، އިރާގުގެ ނަޖަފަށާއި، ކެމްބޯޑިއާގެ ވެރިރަށް ނާމް ޕެން އަށާއި، އެމެރިކާގެ ޗިކާގޯއަށާއި، އޮމާންގެ ސަލާލާ އަށާއި އިރާގުގެ ބަސަރާ އަށެވެ.