05 Jun 2013, 22:12
ނިޕޯން ޕެއިންޓް މެރިން ކޯޓިންގްސް ރީފްކްލީނިންގެ ނަމުގައި މާލޭގެ ކަޑުތޮށީގެ ބޭރު ފަޅުތެރެ ސާފުކުރުމަށް ޓަކައި މިއަދު އެސްޓީއޯ އިން ހިންގި ޕްރޮގްރާމްގައި އެ ސަރަހައްދުން 20 ބަސްތާގެ ދަގަނޑާއި ޓަޔަރުފަދަ ކުނިބުނީގެ ބާވަތްތައް ނަގައިފި އެވެ.
އެސްޓީއޯގެ ސްޓާފް ކުލަބުގެ ފަރާތުން އިސްނަގައިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، މާލޭ މަސް މާރުކޭޓާ ދިމާލުން ކަނޑުތޮށީގެ ބޭރުން ގާތްގަނޑަކަށް 20000 އަކަފޫޓްގެ ސަރަހައްދެއް ދޮޅުގަޑި އިރުގެ ތެރޭގައި އެސްޓީއޯގެ މުވައްޒަފުން ވަނީ ސާފުކޮށްފަ އެވެ. އެސްޓީއޯ އިން އެ ޕްރޮގްރާމް ހިންގީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ޑައިވް ކުލަބުގެ އެހީތެރިކަމާ އެކުގައެވެ.
ސާފުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި އެސްޓީއޯގެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުމަށް މާރުކޭޓް ސަރަހައްދު ތޮށިގަނޑު ކައިރީގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ޖެނެރަލް މެނޭޖާ ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް ވިދާޅުވީ، އެސްޓީއޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިއަދު އެ ހިންގި ހަރަކާތަކީ އެފަދަ ކަންތަކުގެ ފެށުމެއް ކަމަށާއި އަދި ރާއްޖޭގެ ރީތި މޫދު ސަލާމަތް ކުރުމަށް އެންމެހާ ރައްޔިތުންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުން މިއަދު މިސަރަހައްދުން ވަރަށް ގިނަ އަދަދެއްގެ ދަގަނޑާއި ޓަޔަރު ފަދަ ކުނި މިވަނީ ނަގާފައި. އަޅުގަނޑުމެން އެދެނީ ހުރިހާ ރައްޔިތުން ވެސް އަޅުގަނޑުމެންގެ މި ރީތި މޫދު ސަލާމަތް ކުރުމަށްޓަކައި މިކަހަލަ އެއްޗެހި މޫދުތެރެއަށް ނޭޅުމަށް،" އާޒިމް ވިދާޅުވި އެވެ. "ދޮޅު ގަޑިއެއްހާ އިރުގެ ތެރޭގައި މިސަރަހައްދުން އަޅުގަނޑުމެންނަށް ދަގަނޑާއި ޓަޔަރާއި ކަންވާރު ފަދަ މިފަދަ ތަންތަނަށް އުކާލަން ނުވާފަދަ 20 ބަސްތާގެ ކުނި އަޅުގަނޑުމެންނަށް ނެގިފައވޭ."
އާޒިމް ވިދާޅުވީ ރާއްޖޭގެ ރީތި މާހައުލު މުސްތަގުބަލުގެ ދަރިންނާ ހަމައަށް ފޯރުކޮށް ދިނުމަށް ޓަކައި "އަޅުގަނޑުމެންނާ ހަމައިންފެށިގެން މޫދުތެރެއަށް އެފަދަ ތަކެތި އެޅުން ހުއްޓާލަން އެބަ ޖެހޭ" ކަމަށާއި އަދި އެސްޓީއޯ އިން ކުރިއަށް އޮތް ތަނުގައި ވެސް އެކިއެކި ބޮޑެތި އޯގަނައިޒޭޝަންތަކާ ގުޅިގެން އެފަދަ ހަރަކާތްތައް ކުރިއަށް ގެންދަވާނޭ ކަމަށެވެ.