ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބް އަތުން 2-0 ން މޮޅުވެ ކުލަބް އީގަލްސް ލީގު ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު 9 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އޮތް އީގަލްސް އަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ 30 ވަނަ މިނިޓުގައި އަޙްމަދު ނުޢުމާން އެވެ. އަދި 83 ވަނަ މިނިޓުގައި ދެވަނަ ލަނޑު އެ ކުލަބަށް ކާމިޔާބު ކޮށްދިނީ ޙުސައިން އާތިފް (ޕެލޭ) އެވެ.

މެޗުގެ ދެ ހާފުގައިވެސް ރަނގަޅަށް ކުޅެފައިވަނީ އީގަލްސް އެވެ. އެހެން ނަމަވެސް މެޗު ނިމެން ދިޔައިރު ވިކްޓަރީ އިން ވަނީ އީގަލްސްއަށް ޕްރެޝަރު ކުރިމަތި ކުރުވާފަ އެވެ.

މެޗަށްފަހު އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހްމަދު ނިމާދު (ނިމާ) ބުނީ މިއަދުގެ މެޗުގައި އެކުލަބުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް ތައުރީފް ހައްގު ކަމަށާއި އަދި މިއަދުގެ މެޗަށް ނުކުތީ މޮޅުވާން ކަމަށާއި އެކަން ފުރިހަމަ ކުރެވުނު ކަމަށެވެ.

"މިއަދުގެ މެޗަށް އަޅުގަނޑުމެން ނުކުތީ ކޮންމެ ގޮތެއް ހަދާފައިވެސް މޮޅުވާން. އެކަން ވަރަށް ރަނގަޅަށް އެކުދިން ކޮށްފި. އެހެން ކަމުން މިއަދު އެކުދިން އެދެއްކި ކުޅުމަށް ސާބަހާއި ޝުކުރު އަދާކުރަން،" ނިމާ ބުންޏެވެ.

ނިމާބުނީ ވާދަވެރި ޓީމުތަކެއް އެއް ހަމައެއްގައި އޮތުމުން މިއަދުގެ މެޗުން މޮޅު ނުވިނަމަ އީގަލްސްއަށް ބޮޑަށް ކައިރި ވީހީ ރެލިގޭޝަނާ ކަމަށާއި އެހެން ކަމުން މިއަދުގެ މެޗުން މޮޅުވުމަކީ އެ ކުލަބަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ 12 ޕޮއިންޓު ލިބިގެން ތާވަލުގެ ހަތަރުވަނައިގައި އީގަލްސް މިހާރު އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި އޮތް ބީޖީއަށްވުރެ ގޯލްގެ ތަފާތުން ނެވެ. މިއަދުގެ މެޗުން ބަލިވުމުން ވިކްޓަރީ ވަނީ ތާވަލުގެ ހަ ވަނައަށް ސޮއްސާލާފަ އެވެ.

ވިކްޓަރީގެ ކޯޗު ލަޑިމިއާ ގޮފާ ބުނީ މެޗާ ދޭތެރޭގައި ބުނަން އޮތްހާވެސް ވާހަކައަކީ ވިކްޓަރީ މިއަދުގެ މެޗުން ބަލިވީ ކުޅުންތެރިންގެ ފަރާތުން މޮޅުވެވޭފަދަ ކުޅުމެއް ނުފެނުމުން ކަމަށާއި އަދި މިއަދުގެ މެޗަށް އޭނާގެ ޓީމު ނުކުތީ ފައިނަލެއް ކަމަށް ދެކިގެން ކަމަށެވެ.

ގޮފާ ބުނީ މެޗުން ބަލިވުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށާއި އެހެން ނަމަވެސް މުޅިމެޗުގައިވެސް ކުޅޭތަން ފެނުނީ އީގަލްސް ކަމަށެވެ. އަދި އޭނާގެ ޓީމުގެ އެންމެ ބޮޑު މައްސަލައަކީ އެއްވަރެއްގައި ހިފަހައްޓައި ނުލެވުން ކަމަށްވެސް ގޮފާ ބުންޏެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި 30 ޕޮއިންޓާއެކު އޮތީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބެއެވެ. އަދި 18 ޕޮއިންޓާއެކު ދެވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތް އިރު 15 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި އޮތީ ކުލަބު ވެލެންސިޔާ އެވެ.

ލީގުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނުވަ ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައި އޮތް ވީބީ އައްޑޫ އެފްސީއާއި ހަތް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.