ސާފުތާހިރުކަމާއި ޓޫރިސްޓުންނަށް ދޭ ރައްކާތެރިކަމުގައި ތައިލެންޑުން ރާއްޖެ ނަމޫނާއަކަށް ބަލަން ޖެހޭ ކަމަށް ތައިލެންޑްގެ ޓޫރިޒަމް މިނިސްޓަރު ސޮމްސަކް ޕްރިސްރިސަކް ވިދާޅުވެއްޖެ އެވެ.

ސޮމްސަކް ވިދާޅުވި ކަމަށް ތައިލެންޑްގެ ޕައްޓަޔާ މެއިލް ނޫހުން ބުނީ "ދިވެހި ސަރުކާރުން ކަންތައް ކުރަމުން އަންނަ ގޮތަށް، ޓޫރިސްޓުންގެ މަބޫލުކަން ލިބިފައިވާ ރަށްތަކުގައި ތިމާވެށި ހިމާޔަތް ކުރުމުގެ ނިޒާމެއް ގާއިމް ކުރުމަށް ތައިލެންޑްގެ އިންވެސްޓަރުންނަށް ހިތްވަރު ދެއްވާ" ކަމަށެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އިކޯ ޓޫރިޒަމްގެ އުސޫލުތައް ތައިލެންޑްގެ ދެކުނުގެ ރަށްތަކަށް ފުޅާ ކުރައްވާނެ ކަމަށެވެ.

ތައިލެންޑްގެ ޓޫރިޒަމް މިނިސްޓަރު މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ފާއިތުވި ހަފުތާގައި ރާއްޖެ ވަޑައިގެންނެވި އެގައުމުގެ ބޮޑުވަޒީޒު ޔިންގްލަކް ޝިނަވަޓްރާ ވިދާޅުވެފައި ވަނީ ތައިލެންޑުން ރާއްޖޭގެ ނަމޫނާއަށް ތަބާވާން ޖެހޭ ކަމަށެވެ. އެގޮތުން އެގައުމުގެ ރަށްތަކުގައި ތިމާވެށި ހިމާޔަތް ކުރުމާއި ސާފުތާހިރުކަމާއި ޓޫރިސްޓުންނަށްދޭ ރައްކާތެރިކަމުގައި ރާއްޖެއަށް ތަބާވާން ޖެހޭ (ރާއްޖެ ނަމޫނާއަކަށް) ބަލަން ޖެހޭ ކަމަށެވެ.

ފާއިތުވި ހަފުތާގައި އެކަމަނާ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ތަފާތު ހަތް ދާއިރާއަކުން ރާއްޖެއާ ތައިލެންޑާ ދެމެދު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.