އަތޮޅު ތެރޭގެ އިންޖީނުގެތައް ހިންގައިގެން މިދިޔަ އަހަރު ސްޓެލްކޯ އަށް 26 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ ކަރަންޓް ކުންފުނި، ސުޓެލްކޯ އަށް 50 މިލިއަން ރުފިޔާގެ އޯވާ ޑްރާފްޓް ލޯނެއް ހޯދުމަށް އެދުމުން އެފަދަ ލޯނެއްގެ ގެރެންޓީ ހޯދުމަށް އެދި މާލިއްޔަތު ކޮމެޓީގެ ލަފާއަކަށް އެދި ސަރުކާރުން ފޮނުވުމުން، މާލިއްޔަތު ކޮމެޓީ އިން ސްޓެލްކޯގެ އިސްވެރިންނާ އެކު މިއަދު ބައްދަލުކޮށް ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް ވިދާޅުވީ ކ. އަތޮޅާއި އއ. އަތޮޅުގެ އިތުރުން އދ. އަތޮޅާއި އަދި ވ. އަތޮޅަށް އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓް ހިދުމަތުން މިދިޔަ އަހަރު އެ ކުންފުންޏަށް 26.6 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ ކަމަށެވެ.

އަތޮޅުތެރޭގެ އިންޖީނުގޭތައް ހިންގައިގެން 2011 ވަނަ އަހަރު އެ ކުންފުންޏަށް ގެއްލުންވެފައި ވަނީ 17.8 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ އަތޮޅުތެރޭގެ 18 އިންޖީނުގެއެއް ހިންގުމަށް އެސެޓް ގަތުމަށް މިދިޔަ އަހަރު އެ ކުންފުނިން 13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އަދި ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި 12 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެ ކުންފުންޏަށް ދިމާވެފައިވާ ދަތިތަކަށް އަލި އަޅުވާލައްވައި ލަތީފް ވިދާޅުވީ ބޭރު ފައިސާ ލިބުމަށް އެކުންފުންޏަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ލަތީފް ވިދާޅުވީ މާލޭގެ ޑިސްޓްރިބިއުޝަން ވިއުގަ ފުޅާކުރުމަށް މިހާރު އެ ކުންފުނިން ނިންމާފައިވާ ކަމަށާއި އެކަމަށް 30 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. އަދި ހުޅުމާލެ ޕަވާ ސިސްޓަމް އަޕް ގްރޭޑްކުރުމަށް 270 މިލިއަން ރުފިޔާ ހަރަދުކުރުމަށާއި މާލެ އާއި ހުޅުމާލެ ސަބްމެރީން ކޭބަލްގެ އެހީގައި ކަރަންޓް ވިއުގަޔަކުން ގުލާލުމަށް 500 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.