ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އެމްއެންޑީއެފުން ސާފުކުރުމުގެ ހަރަކާތްތަކެއް މާލެ އާއި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފި އެވެ.

އެގޮތުން އެމްއެންޑީއެފުން މިއަދު ވަނީ މާލޭ ފަތާ ޓްރެސަރަހައްދާއި މާލޭ ލޯކަލް މާރުކޭޓް ފުރަގަހުގައި އޮންނަ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފަ އެވެ.

އެމްއެންޑީއެފުން މިއަދު މެންދުރުން ފެށިގެން ހަވީރަށް މާލޭގައި ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ސްޓެލްކޯ އާއި އެސްޓީއޯގެ އިތުރުން ސްވިމިންގް އެސޯސިއޭޝަންގެ މުވައްޒަފުން ވެސް ބައިވެރިވެރިވެފައިވާ ކަމަށް އެމްއެންޑީއެފް ބުންޏެެވެ.

ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ވަނީ ލ. ފޮނަދޫގެ ބަނދަރާއި ބަނދަރު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފަ އެވެ. އެގޮތުން މިއަދު ހެނދުނު ފެށިގެން މެންދުރާ ހަމައަށް ފޮނަދޫ ރައްޔިތުންނާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ ފޮނަދޫގެ ބަނދަރު ސަރަހައްދުގެ ދެކުނުކޮޅުގައި ކުނިއަޅާ ސަރަހައްދާއި ކުޑަކުދިންގެ ޕާކާއި އަދި ބަނދަރު ސަރަހައްދު މޫދު ތެރެވެސް ސާފުކޮށްފަ އެވެ.

ތިމާވެށި ދުވަހާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ވެސް ވަނީ ސާފުކުރުމުގެ ހަރަކަކާތްތަކެއް މިއަދު ކުރިއަށް ގެންގޮސްފަ އެވެ. ހަންކެޑެ ސަރަހައްދު ސާފުކުރުމަށް ހިނގުނު މިހަރަކާތުގައި ސަދަން އޭރިއާގެ ސިފައިންގެ އިތުރުން ސ.ފޭދޫ އިސްކޫލްގެ ކެޑޭޓް ކޯ ގެ ދަރިވަރުންނާއި އަދި ސ.ހިތަދޫ ޝަރަފުއްދީންގެ ކެޑޭޓް ކޯގެ ދަރިވަރުން ބައިވެރިވެލައްވާފައިވާ ކަމަށް އެމްއެންޑީއެފް ބުންޏެވެ. އަދި އެ ސަރަޙައްދު ސާފުކުރުމުގެ މަގުސަދަކީ އެ ސަރަހައްދަކީ ފޭދޫ އާއި މަރަދޫފޭދޫ އަދި މަރަދޫ އާއި ހިތަދޫގައި ދިރިއުޅޭ ރައްޔިތުން މޫދަށް އެރުމަށާއި ޕިކްނިކް ފަދަ ކަންތައްކުގައި ބޭނުންކުރާ ސަރަޙައްދަކަށްވުމާ އެކު އެ ސަރަޙައްދަކީ ރައްޔިތުންނަށް ބޭނުންކުރެވޭ ފަދަ ސާފު މާހައުލަކަށް ހެދުން ކަމަށް އެމްއެންޑީއެފް ބުންްޏެވެ.

ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާގައިވެސް ވަނީ ސާފުކުރުމުގެ ހަރަކާތްތަކެއް ހިންގާފަ އެވެ. އެގޮތުން ޅ.މަޑިވަރުގައި ހިންގި ހަރަކާތުގައި ޅ.މަޑިވަރު ހޭޅިފަށާއި، ބަނދަރު ސަރަޙައްދުގެ އިތުރުން ފަޅު ތެރެވެސް ވަނީ ސާފުކޮށްފަ އެވެ. އެ ހަރަކާތްތަކުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނާއި ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ތިމާވެށި ދުވަހާއި ގުޅުވައިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން މާދަމާ ހދ.ކުޅުދުއްފުށީ މޫދަށް އެރޭ ސަރަޙައްދު ވެސް ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.