05 Jun 2013, 17:22
އިސްލާމްއާބާދު (ޖޫން 05): މިދިޔަ މަހުގެ 11 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވި ޢާންމު އިންތިޚާބުކުރެއްވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާ މިއަދު މެންދުރެއްހާއިރު ކުރައްވައިފި އެވެ.
ފަސްއަހަރުގެ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުޚާތަބު ކުރައްވައި ދެއްވި ފުރަތަމަ ޚިތާބުގައި، ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްކޮށް ޑްރޯންމަތިންދާބޯޓުތައް ބޭނުންކޮށްގެން އެމެރިކާ ޕާކިސްތާނަށް ދެމުން ގެންދާ ޙަމަލާތައް ހުއްޓާލުމަށް ނަވާޒް ޝަރީފް އެމެރިކާގެ އިސްވެރިންނަށް އިލްތިމާސް ކުރެއްވި އެވެ.
"އަހަރެމެންވެސް އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްކުރަން. ވީމާ، އެހެން ގައުމުތަކުން ވެސް އަހަރެމެންގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތަށް އިޙްތިރާމް ކުރަންޖެހޭނެ،" އެމެރިކާގެ ވެރިންނަށް އިޝާރާތް ކުރައްވައި ނަވާޒް ޝަރީފު ވިދާޅުވި އެވެ.
ފާއިތުވި ހަ އަހަރު ތެރޭގައި ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން އެމެރިކާ ޕާކިސްތާނަށް ދިން އެތައް ސަތޭކަ ހަމަލާތަކެއްގައި ޕާކިސްތާނުގެ ފަސް ހާހަށް ވުރެ ގިނަމީހުން މަރުވެފައިވާ އިރު މީގެތެރެއިން ތިން ހާސް މީހުންނަކީ ކުށެއްނެތް ޢާންމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކުށެއްނެތް އާންމުން މެރުމަކީ ހަނގުރާމައިގެ ޖަރީމާއެއްކަމަށްވާތީ މިޖަރީމާ ތަކާގުޅިގެން އެމެރިކާގެ އިސްވެރިން ބައިނަލްއަޤްވާމީ ޢަދާލަތަށް ޙާޒިރުކުރަން ޖެހޭ ކަމަށާއި މި ތަހުޒީބު ދުނިޔޭގައި ޢަދާލަތުން ފިލުމުގެ ފުރްސަތު އެމެރިކާގެ ވެރިންނަށް ވެސް ލިބިގެން ނުވާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދެކެ އެވެ.
ނަވާޒް ޝަރީފުގެ މުސްލިމް ލީގް –ނަވާޒް- ޕާޓީއަށް ޕާކިސްތާނުގެ ޕާލަމެންޓްގެ ހަނިއަޣްލަބިއްޔަތު ލިބިފައިވެ އެވެ. ނަވާޒް ޝަރީފު ވަނީ ޕާކިސްތާނުގެ ގައުމީ މަސްލަޙަތަށް އިސްކަންދެއްވައި އެހެންބައެއް ޕާޓީތަކާއެކު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ބޭނުންފުޅުވާކަން ކުރިން ޢިއްލާންކުރައްވާފަ އެވެ. ނަމަވެސް އޭނާއެކުލަވާލައްވާފައިވާ ކެބިނެޓްގައި އެހެންޕާޓީއަކަށް ނިސްބަތްވާ ބޭފުޅަކު ހިމެނޭކަން ނުވަތަ ނޫންކަން އަދި ހާމަވެފައެއް ނުވެ އެވެ.
ނަވާޒް ޝަރީފް، ޕާކިސްތާނުގެ ވެރިކަމުގެ ހުވާ މިކުރައްވަނީ ތިން ވަނަ ފަހަރަށެވެ. މިފަހަރު ޕާކިސްތާނުގެ ވެރިކަމާ އޭނާ ޙަވާލުވެވަޑައިގަންނަވާ އިރު ޕާކިސްތާނަށް ކުރިމަތިވެފައިވަނީއާދަޔާ ޚިލާފު ބޮޑެތި މައްސަލަތަކެކެވެ. މީގެތެރޭގައި ތާލިބާނުން ހިންގާ ބޮންގޮއްވުމާއި ހަނގުރާމައިގެ ޢަމަލުތައް ހުއްޓުވުމަށް ޓަކައިއެޖަމާއަތާ އެކު ސުލްޙަވެވޭނެ ފޯމިއުލާއެއް އީޖާދު ކުރުމާއި އިނދަޖެހިފައިވާ އިގްތިސާދު އަލުން ނެގެހެއްޓުމާއި ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން ޕާކިސްތާނުގައި އެމެރިކާ ހިންގާ މީހުން މެރުމުގެ ހަރުކަށި ޢަމަލުތައް ހުއްޓުވުމާއި ޓެރަރިޒަމްގެ ބަހަނާގައި އެމެރިކާ ކުރާ ހަނގުރާމައަށް އެއްބާރުލުން ދިނުމަށް އެމެރިކާކުރިމަތިކުރާ ފިއްތުންތަކުން ސަލާމަތްވެވޭނެ ގޮތެއް ހޯދުންހިމެނެ އެވެ.
މީގެއިތުރުން ޕާކިސްތާނުގެ ސިޔާސީ މަސްރަހަށް އަތްގަދަ ކުރުމުގެ ރޫޙުހުންނަ އެގައުމުގެ ސިފައިންގެ ޖެނެރަލުންތަކުގެ އިތުބާރު ހޯއްދެވުމާއިހައްދުފަހަނަޅާފައިވާ މިންވަރަށް ޕާކިސްތާނުގައި މައްޗަށް ގޮސްފައިވާކޮރަޕްޝަނުގެ އަމަލުތައް ކޮންޓްރޯލް ކުރުމާއި ޕާކިސްތާނުގެ ބާވެފައިވާއުމްރާނީ ތަރައްޤީގެ އިންފްރާސްޓްރަކްޗާ ޒަމާނީކުރުން ވެސް ހިމެނެ އެވެ. (ނޫސްއެޖެންސީތައް)