ދައުލަތުން ކަރަންޓް ބިލްގެ ގޮތުގައި ސުޓެލްކޯ އަށް ނުދައްކައި ހުރީ 281 މިލިއަން ރުފިޔާ ކަމަށާއި އެއީ މިނިވަން މުއައްސަސާތަކުން ނުދައްކާ ހުރި އަދަދުވެސް ހިމަނައިގެން ކަމަށް ސުޓެލްކޯ އިން ބުނެފި އެވެ.

ސުޓެލްކޯ އިން މާލިއްޔަތު ކޮމެޓީ އަށް ފޮނުވާފައިވާ ސިޓީއާ ހަވާލާދީ އިއްޔެ މާލިއްޔަތު ކޮމެޓީ އިން ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާތަކުން ސުޓެލްކޯ އަށް 543 މިލިއަން ރުފިޔާ ނުދައްކައިވާ ކަމަށެވެ.

ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ ދައުލަތުން މިހާތަނަށް 281 މިލިއަން ރުފިޔާ ކަރަންޓް ބިލްތަކަށް ނުދައްކައި ހުރި އިރު އޭގެ ތެރޭގައި މިނިވަން މުއައްސަސާތައް ވެސް ހިމެނޭ ކަމަށެވެ.

"ސަރުކާރުން ފައިސާ ލިބެން ޖެހޭ ތަންތަން ހިމެނޭ، ބައެއް މިނިވަން މުއައްސަސާތައް ވެސް އޭގެ ތެރޭގައި. މިސާލަކަށް ޓީވީއެމް އެއީ ވަކި ގާނޫނަކުން ހިނގާތަނެއް އެތަނަށް އިންނަނީ ވަކި ބަޖެޓެއް. އަދި ސިޓި ކައުންސިލް ކަހަލަ ތަންތަން ވެސް އެބަހިމެނޭ. އަދި އެގިލައްވާނެ އައިޖީއެމްއެޗްއަކީ ވަރަށް ގިނަ ބަލިމީހުން ބަލާތަނެއް އެތަނުން އަޅުގަނޑުމެނަކަށް ކަރަންޓެއް ކަނޑައެއް ވެސް ނުލެވޭނެ،" ޝަރީފް ވިދާޅުވި އެވެ.

ކަރަންޓް ބިލް ނުދައްކާ ނަމަ ކޮންމެ ތާކުން ނަމަވެސް ކަރަންޓް ކަނޑާލާނެކަމަށް މީގެ ކުރިން ޝަރީފް ވިދާޅުވެފައިވާ އިރު ސަރުކާރުގެ މުއައްސަސާތަކުން ބިލް ނުދައްކާ އިރު ކަރަންޓް ކަނޑާނުލަނީ ކީއްވެގެންތޯ މެމްބަރަކު ސުވާލުކުރުމުން ޝަރީފް ވިދާޅުވީ ފިނޭންސް މިނިސްޓްރީ އިން އަންގާފައި ވަނީ ސަރުކާރުގެ މުއައްސަސާއަކުން ކަރަންޓް ކަނޑާލަންޖެހޭ ނަމަ އެމިނިސްޓްރީއާ މަޝްވަރާކުރުމަށް ކަމަށެވެ. އަދި އެގޮތަށް އަމަލުކުރަމުން ދާކަމަށާއި އަދި ފިނޭންސް މިނިސްޓްރީ އިން ދޭތެރެއިން ފައިސާ ދައްކަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކަރަންޓް ކަނޑާނުލާ އަނެއް ސަބަބަކީ މުހިންމު ހިދުމަތްތަކެއް މެދު ކެނޑޭނެތީ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މިއަހަރުގެ މޭ މަހުގެ ނިޔަލަށް ދައުލަތުން 281 މިލިއަން ރުފިޔާ ކަރަންޓް ބިލްތަކުގެ ފައިސާގެ ގޮތުގައި ސްޓެލްކޯ އަށް ދައްކާފައިނުވާ އިރު އެއޭގެ ތެރޭގައި އެންސްޕާ އިން ދައްކަން ޖެހޭ 224 މިލިއަން ރުފިޔާ އާއި އައިޖީއެމްއެޗް އިން ދައްކަން ޖެހޭ 37 މިލިއަން ރުފިޔާ ހިމެނެ އެވެ.