މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ގްރޫޕް ކަމަށްވާ ގްލޯބަލް ހޮސްޕިޓަލް ގްރޫޕުގެ އިންފޮމޭޝަން އެންޑް އެސިސްޓެންސް ސެންޓަރެއް މިއަދު ރާއްޖޭގައި ހުޅުވައިފި އެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމުގައި އެންމެ ގިނަ ދުވަސްވީ އެއް މެޑިކަލް ސެންޓަރު ކަމަށްވާ އަޒްމީ ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އޭއެމްޑިސީ)ގައި މިއަދު އެ އިންފޮމޭޝަން ސެންޓަރު ހުޅުއްވައި ދެއްވީ، އިންޑިޔާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރަޖީވް ޝަހާރޭ އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތު ލުބްނާ މުޙައްމަދުއާއި ފޯޓޭ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އެމްއެފްއޭ ރިޔާޒް ބައިވެރިވެވަޑައިގަތެވެ.

ގްލޯބަލް ހޮސްޕިޓަލްސް ގްރޫޕްގެ އިންފޮމޭޝަން ސެންޓަރު ލޯންޗު ކުރުމަށް މިއަދު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ވިދާޅުވީ ރާއްޖެ އަށް ފުރިހަމަ މިނިވަން ކަމެއް ލިބުނީއްސުރެން ފެށިގެން ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށް ދިނުމަށް ސަރުކާރުން އަބަދުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

ލުބުނާ ވިދާޅުވީ، ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އަމިއްލަ ފަރާތްތަކުން ލީޑު ރޯލެއް ކުޅުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށާއި އަދި ގްލޯބަލް ހޮސްޕިޓަލްސް ގްރޫޕުން އޭއެމްޑީސީއާ ގުޅިގެން ފެށި ސިއްހީ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިއަރާފައިވާ ސިއްހީ ހިދުމަތް ފަސޭހަކަމާ އެކު ލިބޭނޭ މަގު އިތުރަށް ތަނަވަސްވެގެން ދާނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާ ސަފީރު ރަޖީވް ޝަހާރޭ ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާ އަކީ މީގެ އެތަކެއް ހާސް އަހަރު ކުރިންވެސް އެއްގައުމު އަނެއްގައުމާ ގާތް ގުޅުމެއް ބާއްވަމުން އަން ދެ ގައުމު ކަމަށާއި އަދި ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ދެގައުމު ގުޅިގެން އަބަދުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"ރާއްޖެއާއި އިންޑިއާ އަކީ މީގެ އެތައްހާސް އަހަރެއް ކުރިން ދެގައުމުގެ ކުރިއެރުމަށް އެކުގައި މަސައްކަތްކުރާ ގާތް ގުޅުމެއް އޮންނަ ދެގައުމު. އަދި ސިއްހީ ދާއިރާއަކީ ދެގަމުގެ ގާތް ގުޅުމުގެ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއް ދާއިރާ،" ސަފީރު ވިދާޅުވި އެވެ.

ރަޖީވް ޝަހާރޭ ވިދާޅުވީ ގްލޯބަލް ހޮސްޕިޓަލްގެ ފަރާތުން ރާއްޖޭގައި ދޭންފެށި ސިއްހީ ހިދުމަތްތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އަމިއްކަ ގައުމުގައި ތިބެގެން އިންޑިޔާގެ ކުރިއަރާފައިވާ އެންމެ ޒަމާނީ ސިއްހީ ހިދުމަތްތައް ލިބުމުގެ ފުރުސަތު ހުޅުވިގެން ގޮސްފި ކަމަށާއި އަދި ކުރިއަށް އޮތްތާނގައި އެފަދަ ހިދުމަތްތައް ރާއްޖޭގައި އިތުރުވެގެން ދާނޭ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

އިންޑިއާގެ ޗެންނާއީ ހައިދަރުއާބާދު، ބެންގަލޫރު އަދި މުމްބާއީގައި މިހާރުވެސް ގްލޯބަލް ހޮސްޕިޓަލްސް ގްރޫޕުގެ ނުވަ ހޮސްޕިޓަލެއް ހިންގަމުން ގެންދެ އެވެ. އެ ހޮސްޕިޓަލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު މަލްޓި-އޯގަންސް ޓްރާންސް ޕާލާންޓޭޝަންގެ ހިދުމަތް ދިނުމުގައި އިންޑިޔާގައި އެންމެ ކުރިއަރާފައިވާ އެއް ހޮސްޕިޓަލް ވިއުގަ އެވެ.

އޭއެމްޑީސީން ބުނީ ގްލޯބަލް ހޮސްޕިޓަލްސް ގްރޫޕުން އެކިއެކި ބައްޔަށް ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ސެންޓަރު މެދުވެރިކޮށް ފަސޭހައި ކަންތައްތައް ހަމަޖައްސައި ދެވޭނޭ ކަމަށާއި އަދި އެތަނުގައި ގާއިމުކުރެވޭ ޓެލެ މެޑިސިންގެ ހިދުމަތުގެ އެހީގައި ބައެއް ބަލިތަކަށް ފަރުވާ ހޯދުމަށް ގްލޯބަލް ހޮސްޕިޓަލްސް ގްރޫޕުގެ ހާއްސާ ޑޮކްޓަރުންގެ އެހީ ހޯދޭނޭ ކަމަށެވެ.