05 Jun 2013, 16:55
އައިޖީއެމްއެޗްގައި ޑައިލަސިސް ހަދައިދޭނީ 400ރ. އަށް ކަމަށާއި އެއަށްވުރެ ބޮޑުކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފި އެވެ.
ޑައިލަސިސް ހަދައިދޭ އަގު ބޮޑުކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކުރި ކުއްލި މައްސަލައާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެންސްޕާ ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު ފޯ ހެލްތު ތޯރިގް އަލީ ލުތުފީ މިއަދު މީޑިއާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އައިޖީއެމްއެޗުން ޑައިލަސިސް މިހާރު ވެސް ހަދައިދެނީ 2011 ވަނަ އަހަރުން ފެށިގެން ނަގާ އަގުގައި ކަމަށެވެ. އަދި އެ އަގަށް ބަދަލު ގެނައުމުގެ ހުއްދަ ދެން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ އަގު ބަދަލުކުރަން އައިޖީއެމްއެޗުން ބޭނުން ނަމަ ޖެހޭނީ އަނެއްކާ ވެސް މަޝްވަރާކުރަން. އަދި އެ އަގު ބޮޑުކުރަން ޖެހޭ ސަބަބު ބުނެދޭން ޖެހޭނެ. އައިޖީއެމްއެޗުން ޑައިލަސިސް ހަދައިދޭ އަގު ބޮޑުކުރި ނަމަވެސް އަޅުގަނޑުމެންގެ ސިސްޓަމުން އެ ބިލް ރިޖެކްޓްކުރާނެ،" ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާސަންދަ ފެށުމާގުޅިގެން ޑައިލަސިސް ހަދައިދިނުމަށް އައިޖީއެމްއެޗުން އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 5،700ރ. އަށް ކަމަށެވެ. ނަމަވެސް އެ އަގަށް އެންސްޕާ އިން އެއްބަސްނުވުމުން އެކި އަގުތަކަށް ކުޑަކުރަމުން ގޮސް އެންެމެ ފަހުން އެއްބަސްވީ 400ރ. އަށް ޑައިލަސިސް ހަދައިދިނުމަށް ކަމަށް ތޯރިގު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދިޔަ ހަވާލުވި އިރު އެންސްޕާއިން އެއްބަސްވެފައި ވަނީ ޑައިލަސިސް ހަދައިދިނުމަށް 1،350ރ ދައްކަން. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހު އަގުތައް ރިވައިސްކުރި އިރު އަލަށް ފަށާ ތަންތަނުން ނަގާ އަގު 1،000ރ. އަށް ކުޑަކުރަން ނިންމީ. ނަމަވެސް އޭޑީކޭ އިން އަދިވެސް ޗާޖުކުރާނީ 1،350ރ. އެއިން އަޅުގަނޑުމެން ކަވަރުކޮށްދެން 1،000ރ،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އޭޑީކޭ އާއި ހުޅުމާލެ ހޮސްޕިޓަލުން ޑައިލަސިސް ހަދާ ފަރާތްތަކަށް އާސަންދައިން 1،000 ކަވަރުކޮށްދޭނެ ކަމަށެވެ. އަދި އައިޖީއެމްއެޗުން މިހާރު ވެސް 400ރ.އަށް ޑައިލަސިސް ހަދައިދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ މިދިޔަ އަހަރު ވެސް އައިޖީއެމްއެޗުން 190 މީހަކު ޑައިލަސިސް ހެދުމަށް 4.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 162 މީހަކަށް ޑައިލަސިސް ހެދުމަށް 2.2 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.