ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ގެޒެޓް ކުރުމާ ގުޅިގެން އިއްޔެއާ ހަމައަށް 421 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އިއްޔެއާ ހަމައަށް 421 ޝަކުވާ ހުށަހަޅާފައިވާ އިރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ރަޖިސްޓްރީ ބަދަލުވުމުގެ ޝަކުވާ ކަމަށެވެ. އެގޮތުން އެއްގެއެއް އިތުރު ބައިތަކަށް ބަހާފައި ނަން ބަދަލު ކުރުމުން ރަޖިސްޓްރީ އަށް ބަދަލު އައުން ފަދަ ކަންތައް ހުރި ކަމަށް ފުއާދު ވިދާޅުވި އެވެ.

ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން އިތުރު ޝަކުވާއެއް އޮތް ނަމަ ވީހާ ވެސް އަވަހަކަށް އިލެކްޝަނަށް ހުށަހެޅުމަށް އިލެކްޝަނުން އެދެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އަދި ބުނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންނަށާއި ފުލުހުންނަށް ވޯޓުލުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި ފުލުހުން އެދިފައިވީ ނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތްކަން ފުލުހުންނަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި އެއްމަސް ދުވަސް ކުރިން އެކަމަށް ތައްޔާރުވެ ފުލުހުންގެ ޑިއުޓީތައް ހަމަޖެއްސުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެދުވަހުގެ ހާލަތު ހުންނަ ގޮތުން ފުލުހުން ތިބޭ ރަށްނޫން އެހެން ރަށަކަށް ދާންޖެހިދާނެ ކަމަށާއި އަދި އެ ދުވަހު ހައްޔަރު ކުރާ މީހަކަށް ވެސް ލުއި ގޮތެއް ވޯޓުލުމުގައި ހަދައިދިނުމަށް ފުލުހުން ވަނީ އިލެކްޝަނުގައި އެދިފަ އެވެ.