ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެއްބާރުލުމުގެ އެއްބަސްވުމެއްގައި އެންވަޔަރްމެންޓް މިނިސްޓްރީން ޔުނައިޓެޑް ނޭޝަންސް އެންވަޔަރްމެންޓް ޕްރޮގްރާމް ޔުނެޕްއާ އެކު މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެފަރާތުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުން ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ. ޔުނެޕްގެ ފަރާތުން އެއްބަސްވުމުގައި ޔުނެޕްގެ ފަރާތުން ސޮއިކުރެއްވީ ޔުނެޕްގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ ޑރ. ޑިޗެން ޝެރިން އެވެ. އަދި އެންވަޔަރްމެންޓް މިނިސްޓްރީގެ ނައިބު އަހުމަދު މުސްތަފާ މުހައްމަދު އެވެ.
މީހުން ތަމްރީނުކުރުމާއި ރާއްޖެ ބަޔޯސްފިޔާ ރިޒާވަކަށް ހެދުމުގެ ޕްލޭން ތަންފީޒުކުރުމާއި ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރާ މަސައްކަތަށް މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޔުނެޕްގެ އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ތިމާވެށްޓާ ބެހޭ ގާނޫނުތައް ހަރުދަނާކުރުމާއި ފެނުގެ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެމް ކުރާ އެކިއެކި މަސައްކަތްތަކަށް މި އެއްބަސްވުމުގެ ދަށުން ޔުނެޕްގެ އެހީ ރާއްޖެއަށް ލިބޭނެ އެވެ.

މިއަދުގެ ޖަލްސާގައި ތިމާވެށްޓާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ތައާރަފް ކުރިއެވެ. އެގޮތުން ކުންޏާ ބެހޭ ގަވައިދާއި މޮޓޯ ވެހިކަލް އެމިޝަން ސްޓޭންޑާޑް މިއަދު ތައާރަފް ކުރި އެވެ. އޭގެ އިތުރުން ބ. އަތޮޅުގެ 13 ރަށުގެ ވޭސްޓް މެނޭޖްމެންޓް ޕްލޭން ވެސް މިއަދުގެ ޖަލްސާގައި ތައާރަފްކުރި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫންމަހުގެ ފަސްވަނަ ދުވަހެވެ. މިއަދުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ކާބޯތަކެތި އިސްރާފް ނުކުރުމަށް ވިސްނާ" މިޝިއާރެވެ.