ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅުވައިގެން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި އައިލެންޑް ބެވްރޭޖަސް މޯލްޑިވްސް (އައިބީއެމް) ގުޅިގެން "ފެހި މާދަމާ އަކަށް ފަރުދީ ޒިންމާ"ގެ ނަމުގައި ތާޒާ ޕެޓްފުޅި ރީސައިކަލް ކުރުމުގެ ޕްރޮގްރާމެއް އިފްތިތާހްކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕެޓްފުޅި ރިސައިކަލް ކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އެވެ.

މިއަދު ފެށި ޕްރޮގްރާމާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ހަސަން ސައީދު ވިދާޅުވީ ތާޒާ ފުޅި ރިސައިކަލް ކުރުމުގެ ޕްރޮގްރާމަކީ ޕެޓްގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ސަލާމަތްކޮށްދީ ތިމާވެށި ހިމާޔަތް ކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ ގޮތެއްގައި ގޭ ބިސީތަކަށް އަމާޒު ކޮށްގެން ފެށި ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ ދަށުން ގޭގެއަށް ފޮނުވޭ ތާޒާ ފުޅިތައް ބޭނުން ކުރެއްވުމަށް ފަހު ހުސްވެފައިވާ ފުޅިތައް ޖެހިގެން އަންނަ ޑެލިވަރީ އެއްގައި އެ ގެއަކުން ނެގުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި. ހުސްފުޅިތައް ގޭގެ އިން އަނބުރާ ގެނައުމަށް ފަހު ފުޅިތައް ޝްރެޑް[ ކުނޑިކުރުން] ކުރާ މެޝިންގައި ޝްރެޑް ކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޝްރެޑް މެޝިންގައި ޝްރެޑް ކުރާ ބައި ރާއްޖެ އިން ބޭރަށް އަލުން ރީސައިކަލް ކުރުމަށް ޓަކައި އެކްސްޕޯޓު ކުރާން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގޭގެއިން ފޮނުވާ ހުސްފުޅިތަކަށް މިވަގުތު ފައިސާ ދޭ ގޮތަށް ހަމަޖެހިފައި ނެތް ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެފަދަ ފަރާތްތަކަށް އުޖޫރައެއް ދޭން އެ ކުންފުނިން ވިސްނަމުންދާ ކަމަށެވެ.

އައިލެންޑް ބެވްރޭޖަސް މޯލްޑިވްސް އިން ރީ ސައިކަލް ކުރުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ ރިސޯޓް ކަސްޓަމަރުންނާއި ގުޅިގެން 2005ވަނަ އަހަރު އެވެ.