05 Jun 2013, 15:30
ހުޅުމާލޭގައި ހުންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ބެލެނިވެރިން އަނެއްކާ ވެސް އެ ސްކޫލްގެ މައްސަލާގައި މިއަދު ނައިބް ރައީސް މުހައްމަދު ވަހީދުއްދީންއާ ބައްދަލުކޮށްފި އެވެ.
އެކަން ވަނީ ރައީސް އޮފީހުން ވެސް ކަށަވަރުކޮށްދީފަ އެވެ.
ލާލޭ ސްކޫލްގެ ބެލެނިވެެރިން ވަނީ އެސްކޫލް ހިނގުމަށް މިހާރު ހަވާލުކޮށްފައިވާ ކުންފުންޏަށް ދީފައިވާ މުއްދަތު ހަމަވެފައި ވާތީ އެ ސްކޫލް ހިންގަން ބީލަމަށް ލާން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެސްކޫލްގެ ހިންގުން ދިގު މުއްދަތަކަށް މިހާރު ހިންގަމުން ގެންދާ ކުންފުންޏަށް ދިނުމަށް އެދި މިދިޔަ ހަފްތާގައި އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކޮށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު މެންދުރު ފަހު އެ ސްކޫލްގެ ބެލެނިވެރިންތަކެއް ގޮސް ވަނީ ނައިބް ރައީސް މުހައްމަދު ވަހީދުއްދީނާ ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުންތައް ހުށަހަޅާފަ އެވެ. އެ ބައްދަލުވުމަށް ގާތްގަނޑަކަށް 30 ވަރަކަށް ބެލެނިވެރިން ދިޔަ ކަމަށް ވެ އެވެ.
ރައީސް އޮފީހަށް ދިޔަ ބައެއް ބެލެނިވެރިން ސަންއާ ވާހަކަ ދައްކަމުން ބުނީ އެމީހުން ރައީސް އޮފީހަށް ދިޔައީ ލާލޭ ސްކޫލް އަލުން ބިޑަށް ލާން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުންދާތީ ބެލެނިވެރިން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ. އަދި މިހާރު ސްކޫލް ހިންގަމުން ގެންދާ ކުންފުންޏާ މެދު ބެލެނިވެރިން ހިތްހަމަޖެހޭތީ އެމީހުން ބޭނުން ވަނީ މިހާރު ވެސް ހިންގަމުން ގެންދާ ފަރާތްތާ ސްކޫލް ހިންގަން ދިނުން ކަމަށް ވެސް ބުންޏެވެ.
ބިޒް އެޓޯލްސް މޯލްޑިވްސް އާއި ގުޅިގެން ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް ހިންގާ ތުރުކީގެ ކުންފުންޏަކީ ދުނިޔޭގެ 170 އަށްވުރެ ގިނަ ގައުމުގައި އެފަދަ އިން ސްކޫލް ހިންގަމުން ގެންދާ ކުންފުންޏެކެވެ. ސަރުކާރުން އެކުންފުންޏާ އެކު ވެފައިވާ ފަސް އަހަރުގެ އެގްރީމަންޓް މިމަހުގެ 25 ގައި ހަމަވާތީ ސަރުކާރުން މިހާރު ވަނީ މިއަހަރުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފަ އެވެ.