ކާނާގެ ރައްކާތެރިކަމާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް "ފުޑް ސެކިއުރިޓީ ސްޓްރެޓެޖީ"އެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދޫ ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާގައި ރައީސް ފޮނުއްވި ޚިތާބުގައި ވިދާޅުވެފައި ވަނީ ކާބޯތަކެތި ރައްޔިތުންނަށް ލިބެން ހުންނާނެ ގޮތް ތަނަވަސްކޮށްދިނުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި ލިބެން ހުންނާނޭ ގޮތްތައް ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަކީ، ސަރުކާރުން ކޮށްދޭންޖެހޭ ކަމެކެވެ. މިހެންކަމުން، ފުޑް ސެކިއުރިޓީ ސްޓްރެޓަޖީއެއް އެކުލަވައިލުމުގެ މަސައްކަތް މިހާރުވަނީ ފެށިފަ އެވެ،" ރައީސްގެ ޚިތާބުގައިވެ އެވެ.

ރައީސްގެ ހިތާބުގައި އަދި ވިދާޅުވެފައި ވަނީ ފުޑް ސެކިއުރިޓީ ސްޓްރެޓެޖީގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހިމެނޭނެ ކަމަށެވެ. ސިއްހަތަށް ފައިދާ ހުރި ގޮތުގައި ކާބޯތަކެތި އުފައްދައި ބޭނުންކުރެވޭނެ ގޮތްތައްތަކާއި އެކަންތައްތައް ކުރިއެރުވުމަށް ޓަކައި އިދާރީ ހިންގުން ހަރުދަނާ ކުރާނެ ގޮތްތައް ވެސް ސްޓްރެޓެޖީގައި ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ތިމާވެށްޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އަދި ހައްލުކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުރި މައްސަލައެއް ކަމަށެވެ.

"ކުނި މެނޭޖްކުރުމުގެ މައްސަލައަކީ، ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި ޙައްލުކުރުމަށް މާލީގޮތުންނާއި އިޤްތިޞާދީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ވަރަށް ފަންނީ މައްސަލައެކެވެ. ކުނި މެނޭޖުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކާމިޔާބުކަމާ އެކު ހިނގަމުންދާކަން މިފުރުޞަތުގައި ފާހަގަކުރަމެވެ،"

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ މި ހިތޯބު އިއްވަަވައި ދެއްވީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއެވެ.

މިއަދުގެ ޖަލްސާގައި ތިމާވެށްޓާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ތައާރަފް ކުރިއެވެ. އެގޮތުން ކުންޏާ ބެހޭ ގަވައިދާއި މޮޓޯ ވެހިކަލް އެމިޝަން ސްޓޭންޑާޑް މިއަދު ތައާރަފް ކުރިއެވެ. އޭގެ އިތުރުން ބ. އަތޮޅުގެ 13 ރަށުގެ ވޭސްޓް މެނޭޖްމެންޓް ޕްލޭން ވެސް މިއަދުގެ ޖަލްސާގައި ތައާރަފްކުރި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫންމަހުގެ ފަސްވަނަ ދުވަހެވެ. މިއަދުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ކާބޯތަކެތި އިސްރާފް ނުކުރުމަށް ވިސްނާ" މިޝިއާރެވެ.