05 Jun 2013, 14:48
އައްމިއްލަ ބޭނުމަށް ބޭނުންކުރާ އުޅަނދުތަކަށް ރޯޑްވާދިނަސް އާއި ތާޑްޕާޓީ އިންޝުއަރެންސް ފައިސާ ދައްކަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހަށް ބަލައިގަތީ، ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ ތެރެއިން 28 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް 23 މެންބަރަކު ވޯޓު ދެއްވި އެވެ.
އެއްގަމު ދަތުރުފަތުގެ ގާނޫނުގެ ފަސް މާއްދާއަކަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގައި ބުނެފައި ވަނީ އަލަށް ރަޖިސްޓްރީ ކުރާ ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ރޯޑްވާސްދިނަސް ހަދަން ޖެހޭނީ އާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ އުޅަނދުތަކަށެވެ. އާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ އުޅަނދުތަކަކީ އާންމުންނާއި ލުއި ދާގީނާ އުފުލަން ކަނޑައަޅައި ހުއްދަދީފައިވާ އުޅަނދުފަހަރެވެ.
ރޯޑުވާދިނަސް ހަދަން ހުއްދަދީފައިވާ ތަންތަނުން އެ ހުއްދަ ދިނުމުގައި ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އަގުތައް ނެގުމުގައި އަމަލު ކުރަމުން ދަނީ ރަނގަޅަށްތޯ މަދުވެގެން މަހުން އެއްފަހަރު ޗެކް ކުރަންވާނެ ކަމަށް ވެސް ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމުގައި ހަސަން ލަތީފު ވިދާޅުވީ އަމިއްލަ ބޭނުމަށް ބޭނުންކުރާ އުޅަނދުތަކަށް ރޯޑްވާދިނަސްއަށް ބޮޑު އެއްޗެއް ހޭދަކުރުމުގެ އިތުރުން ތާޑްޕާޓީ އިންޝުއަރެންސަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަން ހައްލެއް ހޯދައިދިނުމުގެ ގޮތުން އެންގަމު ދަތުރުފަތުގެ ގާނޫނަށް އިސްލާހު ހުށާހެޅުއްވީ ކަމަށެވެ. އަދި ވިދާޅުވީ އިންޝްއަރެންސް ފައިސާ ދެއްކިޔަސް އެކްސިޑެންޓްވާ ހާލަތްތަކުގައި ލިބޭ ގެއްލުމެއް މަރާމާތު ކުރަން ނުވަތަ ބަދަލު ލިބުމުގެ ކަންތަކުގައި ޝަރީއަތުން ނިމޭ ނިންމުމަށް ރިޔާއަތްކުރާ އިރު، އާންމުގޮތެއްގައި އިންޝްއަރެންސަށާއި ރޯޑްވާސްދިނަސްއަށް ދައްކާ ފައިސާއަކީ ބޭކާރު ގޮތެއްގައި އެމީހެއްގެ އަތުން ހޭދަވާ ފައިސާކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ.