ހުޅުމާލޭގައި ކުޑަ ކުއްޖަކު ގޮވައިގެން ސައިކަލެއްގައި ދިޔަ މީހެއްގެ ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސް ގަހެއްގައި ޖެހި ކުޑަ ކުއްޖާގެ ފައި ބިނދިއްޖެ އެވެ.


ސައިކަލް ދުއްވި މީހާ ނަން ނުޖެހުމަށް ޝަރުތުކޮށް ސަންއެފްއެމް އޮންލައިނަށް އިއްޔެ ކިޔައިދިން ގޮތުގައި ދެބަފައިން އެކްސިޑެންޓްވެ، އަދި އޭނާގެ ހަ އަހަރުގެ ދަރިފުޅުގެ ވާތު ފައިގެ ކުޑަކަޅުވާގެ ކަށިގަނޑު ބިނދުނީ، އޭނާ ސައިކަލަށް އެރި އިރު ކޮންމެވެސް ބަޔަކު އޭނާގެ ސައިކަލާ ކުޅެފައިވުމުގެ ސަބަބުންނެވެ.


އޭނާ ބުނި ގޮތުގައި އެ އެކްސިޑެންޓްގައި އޭނާގެ ދަރިފުޅުގެ މޫނު މައްޗަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެ، އަދި އޭނާގެ ވާތުފައިގެ ބޮޑުވައިއިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.  


އޭނާ ބުނީ ސައިކަލް ކޮންޓްރޯލް ނުވެ ގަހެއްގައި ޖެހުނީ، އޭނާގެ ދަރިފުޅު ގޮވައިގެން އިއްޔެ މެންދުރު ތަނަކަށް ބޯކޮށަން ދިއުމަށް ފަހު ދަރިފުޅުގެ ބޯކޮށައިގެން ނުކުތް އިރު، އެތާ ތިބި ކުދިންތަކެއް އޭނާގެ ސައިކަލާ ކުޅެފައި ހުރުމުގެ ސަބަބުން ކަމަށެވެ.


"އަޅުގަނޑު އެވަގުތު އުޅުނީ ސައިކަލު ދޫކޮށްލާފައި ދަރިފުޅު ގޮވައިގެން ސައިކަލުން ފުންމާލަން. ސައިކަލުން ފުންމާލަން އުޅުނީމާ ދަރިފުޅު އެވަގުތު ބިރުން އަޅުގަނޑުގެގައިގައި ބައްދައިގަތީ، އަދި އެ ވަގުތު ސައިކަލު ގޮސް ގަހަކަށް އެރީ. ދަރިފުޅުގެ ފައި ގޮސް ޖެހުނީ ގަހުގައި. ގަސް ވެސް އިނީ ބިންދައިގެން ގޮސްފައި."


އެ ދެބަފައިން އެކްސިޓެންޓް ވުމާ އެކު ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް އިއްޔެ ހަވީރު ވަނީ ކުޑަ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދައިފަ އެވެ.


އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުންޏެވެ.