05 Jun 2013, 14:37
ހދ. ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 15 އަހަރުގެ ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލައިފި އެވެ.
ފުލުހުން ވެސް ވަނީ އެ އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އަދި އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެކުއްޖާގެ ސިކުނޑިއަށް ސީރިއަސް ޒަޚަމަތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކުއްޖާގެ ކަނާތު ކޮނޑުހޮޅުން ރެނދެއްލައި ކުދި އަނިޔާވެފައިވާ ކަމަށް ވެސް އެ ކުއްޖާ ބެއްލެވި ޑޮކްޓަރު ވިދާޅުވި އެވެ.
މިއަދު ހިނގި އެކްސިޑެންޓުގައި 15 އަހަރުގެ ކުއްޖާގެ އިތުރުން 20 އަހަރުގެ މީހަކަށާއި 14 އަހަރުގެ ކުއްޖަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެ ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.