ކ. ދިއްފުއްޓާ ދިމާލުން މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ދިއްފުށީ ކައުންސިލްގެ ރައީސް ހުސެއިން ރަބީއު މިއަދު ވިދާޅުވީ މިއަދު މެންދުރު 1:15 އެހާކަންހާއިރު އެ ރަށާ ދިމާލުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނު އިރު، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނުނު ބޮޑީ އޮތީ ވަރަށް 'ފްރެޝް' ކޮށް. އެއްވެސް ކުނި ވަހެއް ނުދުވާ ޒަޚަމެއް ވެސް ފެންނަން ނެތް،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަދަ ނޫކުލައިގެ ސޯޓެއް އެކަނި ލާފައި އޮތްވައި ފެނުނު ހަށިގަނޑު ވައްތަރީ ޔޫރަޕް މީހަކާ ކަމަށެވެ. އަދި އެ ފިރިހެން މީހާ ފެނުނު އިރު އޮތީ ސްނޯކްލިން މާސްކެއް އަޅައިގެން ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

ހުސެއިން ރަބީއު ވިދާޅުވީ އެ މީހާއަކީ އެރަށާ ވަރަށް ކައިރިން ޖެހިގެން އޮންނަ މީރު އައިލެންޑް ރިސޯޓަށް ޗުއްޓީއެއް ހޭދަކުރަން އައިސްގެން އުޅޭ ޓޫރިސްޓެއް ކަމަށާއި އޭނާ ސްނޯކްލިން އަށް އެެރުނީ އިތުރު ދެ މީހުންނާ އެކު ކަމަށެވެ.

"މިއަދު ހެނދުނު އައި ކޮޅިގަނޑެއްގައި އެ ތިން މީހުންގެ ތެރެއިން އެކެއް ގެއްލުނީ، ގެއްލިގެން އެމީހުން މީރުފެންފުށި އެއްކޮށް ބަލާފައި ނުފެނިގެން ދިއްފުއްޓަށް ފަތާފައި އައީ. އޭރު އެމީހާ އަޅުގަނޑުމެންނަށް ފެނިގެން އުޅޭތާ އިރުކޮޅެއް ވެއްޖެ،" ހުސެއިން ވިދާޅުވި އެވެ.