05 Jun 2013, 13:28
ނެޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަކީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސައި، ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒު، އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އިން އުނިކޮށް، އެ މަރުކަޒު ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ހަމަޖައްސުމަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިފި އެވެ.
ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާ އަށް ގެނައި ބަދަލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު މަޖިލީހަށް ފޮނުވި ސިޓީފުޅާ ގުޅިގެން، އެ މައްސަލާގައި މެންބަރުން ބަހުސް ކުރުމަށް ވަނީ ހުޅުވާލާފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަށް ގެނައި ބަދަލަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާފައި ވަނީ ދެ އިދާރާއެއް އުވާލައި އެ އިދާރާތަކުގެ މަސައްކަތް އެންއައިސީ އަށް ބަދަލު ކުރާ ގޮތަށެވެ. އެއީ ތައުލީމު ކުރިއަރުވާ މަރުކަޒާއި ސެންޓާ ފޯ ކޮންޓިނިއުއިންގް އެޑިއުކޭޝަން އުވާލުމަށް ފަހު އެންއައިސީ އުފައްދާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުންނެވެ. އެންއައިއީ އުފައްދައި އެ އިދާރާ ހުޅުވާދެއްވައި އެޑިއުކޭޝަންގެ ދަށުން އެތަން ހިނގަން ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތަކަށް ގެންނަ ބަދަލުތައް މަޖިލީހުން ފާސްކުރަން ޖެހޭ ކަމަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ށ)ގައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މިހާރު ހިންގަމުންދާ އިދާރާތަކަކީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ މަސައްކަތާއި ސަރުކާރުގެ ސްކޫލްތަކުގެ މަސައްކަތާއި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންގެ މަސައްކަތާއި ޓެކްލިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރޭނިންގް އޮތޯރިޓީގެ މަސައްކަތްތަކާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތާއި ކުއްލިޔަތުއްދިރާސާތިލް އިސްލާމިއްޔާގެ މަސައްކަތެވެ.