05 Jun 2013, 13:00
މިއަދު ރާއްޖޭގެ ހަގީގަތަކީ ދައުލަތް ހިނގަމުންދަނީ ރައްޔިތުންގެ ބިލްތަކަށް ފައިސާ ނުދެއްކި ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިސްވެރިން މިއަދު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީ އަށް ހާޒިރުކޮށް މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ މުހައްމަދު އަހުމަދު ވިދާޅުވީ ދައުލަތަށް ހަރަދުކުރުމަށް ބަޖެޓެއްގައި އަދަދެއް އޮތުމުން އެ އަދަދަށް ފައިސާ ހަރަދުކުރުމުގެ ފުރުސަތު ލިބިގެން ނުދާ ކަމަށާއި މިއަދުގެ ހަގީގަތަކީ ވެސް ދައުލަތް ހިނގަމުންދަނީ އާންމު ރައްޔިތުންގެ ބިލްތަކަށް ފައިސާ ނުދެއްކި ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ބަޖެޓެއް ފާސްކޮށްދިނުމަކީ އެއީ ހަރަދު ކުރެވޭނެ އުސޫލެއް އެކަނޑައެޅުއްވެނީ. އެ ހުދޫދުގެ ތެރޭގައި ހަރަދު ކުރުމާއި ނުކުރެވުމުގެ މިންގަނޑު ކަނޑައެޅެނީ އެހަރަދު ކުރަން ފައިސާ ލިބުމުން. އެހެން ވީމާ ދައުލަތަށް އަހަރަކު ކަނޑައެޅޭ ބަޖެޓެއްގައި ފައިސާ އޮތުމަކުން ފައިސާ ހަރަދުކުރުމުގެ ފުރުސަތެއް ބޭނުންވިޔަސް ނުލިބޭ. މިއަދުގެ ވެސް ހަގީގަތަކީ ދައުލަތް ހިންގަމުން މިގެންދަނީ އާންމު ރައްޔިތުންގެ ބިލްތަކަށް ފައިސާ ނުދައްކާކަން،" ފައިނޭންސް ކޮންޓުރޯލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ގައުމަށް ދިމާވެފައިވާ މައްސަލައަކީ ރެވެނިއު ނުލިބުން ކަމަށެވެ. އަދި ހަރަދުކުޑަކުރުމުގެ ސާކިއުލާއެއް އެކުލަވާލަންޖެހުނީ ދައުލަތައް ލިބޭ އެއްޗަކުން ދައުލަތުން ދައްކަން ޖެހޭ ބިލްތައް ނުދެއްކޭތީ ކަމަށާއި އެއީ ވަކި އިދާރާއެއް ނުވަތަ ވަކި މުއައްސަސާއަކަށް ދަތި ކުރުމަށް ކުރި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިީހުގެ ބަޖެޓް ލިބުމަށް ދަތިތަކެއް ހުރިކަމަށް މެމްބަރަކު ސުވާލުކުރުމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ލިބުމަށް ދަތިވެގެން އެމިނިސްޓުރީ އަށް އަންގާފައިނުވާ ކަމަށެވެ. އަދި މިހާރު ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތައް ދައުލަތުގެ ހަރަދުގައި ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ދަތުރުތައް ރާއްޖެ އިން ބޭރަށް ކުރާ ނަމަ އެދަތުރުވެގެން ވާނީ ބޭރުގެ ފަރާތަކުން ހުރުމާއި ކެއުމުގެ އިތުރުން ޓިކެޓް ވެސް ދޭ ދަތުރުތަކަށް އެކަނިކަމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތަށް އާމްމުދަނީ ހޯދުމުގެ އިތުރު ގޮތްތައް ކަނޑައެޅުމަށް އެދި ސަރުކާރުން މަޖިލީހަށް ހުށައަޅަފައިވާ ބިލްތައް ފާސްނުވާ ކަމަށާއި އެބިލްތައް ފާސް ނުވާނަމަ ބޮޑެތި ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ.