ވިހި ގައުމަކުން ވާދަކުރާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް މިއަދު ހެނދުނު މާލޭގައި ފަށައިފި އެވެ.

ބެޑްމިންޓަން ކުޅުމުގައި ދުނިޔޭގެ މަގްބޫލްކަން ހޯދައިފައިވާ އެންމެ މަޝްހޫރު އަށް ގައުމުގެ ތެރެއިން ހަތް ގައުމަކާ އެކު ޖުމްލަ 20 ގައުމުން ވާދަކުރާ މިމުބާރާތް މިއަދު ހުޅުވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ.

މުބާރާތުގައި ރާއްޖޭން ޖުމްލަ 21 ކުޅުންތެރިން ވާދަކުރެ އެވެ. އެއީ 16 ފިރިހެން އަދި ފަސް އަންހެން ކުޅުންތެރިންނެވެ.

ކުޅިވަރު އެކުވެނީ އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ގައުމުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިންނާ އެކު ޖުމްލަ 202 ބެޑްމިންޓަން ކުޅުންތެރިން ހިމެނެ އެވެ. މުބާރާތުގައި ވާދަކުރާ މަޝްހޫރު ގައުމުތަކުގެ ތެރޭގައި އޮސްޓެރިއާ، އިންޑިއާ، ޗައިނާ، ޑެންމާކް، ޖާމަނީ، އިނގިރޭސިވިލާތް ކޮރެޔާ އަދި އިންޑޮނޭޝިއާ ހިމެނެ އެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ޗައިނާގެ މަޝްހޫރު ސްޕޯޓްސް ބްރޭންޑެއް ކަމަށްވާ ލިނިން އެވެ. އެގޮތުން އެފަރާތުން ވަނީ މިމުބާރާތައް 231،300ރ.ގެ ފައިސާގެ އިނާމު ހުށަހަޅައިފަ އެވެ.