އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)އިން ބަލަމުން ގެންދާ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

އޭސީސީން ހޯދަން ބޭނުންވެގެން އިޢުލާންކޮށްފައިވާ މީހަކީ ގއ. ކޮލަމާފުށީ ބީޗްރެސްޓް، އަބްދުﷲ ސިނާން އެވެ.

އޭސީސީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވާ ގޮތުގައި އެ މީހާއަކީ އެކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރުމަށް ހޯދަން ބޭނުންވެގެން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ. އަދި މިހާތަނަށް އެކޮމިޝަނަށް ލިބިފައިވާ އޭނާގެ އެޑްރެސްތަކުގައި އޭނާ ނޫޅުމުގެ ސަަބަބުން އެ ކޮމިޝަނަށް ހާޒިރުކުރެވޭ ގޮތް ނުވެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ކޮމިޝަނުން އެކަނި ކަމަށާއި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހުށަހަޅައިފައިނުވާނެ ކަމަށެވެ. އަދި އެމީހާ އުޅޭ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ އެޑްރެސްތަކުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެމީހާ ހޯދަމުން ގެންދަނީ ކޮން މައްސަލައެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ކޮމިޝަންގެ ކަމެއްގައި ވީމަ ކޮމިޝަނުން އޭނާ ހޯދުމުގެ މަސައްކަތް މިކުރަނީ، އަޅުގަނޑުމެން އޭނާ އުޅޭ ކަމަށް ބުނާ އެޑްރެސްތަކަށް ދިއުމުން އޭނާގެ އާއިލާއިން ބުނަނީ އުޅޭ ތަނެއް ނޭނގެއޭ އޭނާއާ އެއްވެސް ކޮންޓެކްޓެއް ވެސް ނުވެއޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެކޮމިޝަނަށް އެނގުމަށް ވެސް އޭސީސީގެ އިޢުލާންގައި ވަނީ އެދިފަ އެވެ.

އަބްދުﷲ ސިނާނާ ބެހޭ ގޮތުން ނޫހުގައި މި ހަބަރު ޖެހުމުން ސިނާނު މިއަދު ސަން އަށް ގުޅުއްވައި ވިދާޅުވީ އޭނާ އަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި އޭސީސީ އިން ތުހުމަތު ކުރާ މައްސަލައަކީ އޭނާއާ ގުޅުމެއް އޮތް މަައްސަލައެއް ނޫން ކަމަށެވެ.