05 Jun 2013, 10:57
އައްޑޫ ސިޓީގެ ފޭދޫގައި ރޭ ހިނގި އެކްސިޑެންޓަކަށް ފަހު ފުލުހުންނަށް "ފިލި" ކާރެއް ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ 9:30 އެހާކަންހާއިރު ފޭދޫގައި ހިނގި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވިކަން އެނގިފައިނުވާ ކަމަށެވެ.
ލިންކު ރޯޑުން ގަމުން ހިތަދޫއާވީ ކޮޅަށް ދުއްވި ކާރެއް ގޯޅިއަޅަން އުޅުމުގެ ތެރޭ ކޮންޓްރޯލް ނުކުރެވި ގެއެއްގެ ފާރުގައި ޖެހި ހިނގި އެކްސިޑެންޓްގައި ފާރުން ހަތަރު ފޫޓްގެ ތަންގަނޑެއް ވެއްޓިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް އެ އެކްސިޑެންޓްގައި ކާރަށް ލިބިފައިވާ ގެއްލުންތަކެއް ސާފެއްނުވެ އެވެ.
އަދި އެ ކާރުގައި އެވަގުތު ތިބީ ކިތައް މީހުންނެއް ކަމެއް ނޭނގޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓަށް ފަހު ކާރު "ފިލާ"ފައިވާ ކަމަށެވެ.
މިދިޔަ މަހުތެރޭގައި ވެސް ވަނީ އައްޑޫ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސްއަނިޔާތަކެއް ވެސް ލިބިފަ އެވެ.