14:30


ގޭ ބަންދަށް ދޫކޮށްފައިވާ ގައިދީންގެ ފަރާތުން ފެންނަމުންދާ އަމަލްތަކުގެ ސަބަބުން މުޖުތަމައު ނާމާން ވެއްޓަކަށް ބަދަލުވެފައިވާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.


މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހަމަލާދީ، އެ މީހުންގެ ޒިންމާއަށް ހުރަސްއެޅޭ ގޮތަށް އެކިފަރާތްތަކުން ބިރުދެއްކުމުގެ އަމަލްތައް އާންމުވަމުންދާތީ އެކަންކަން ކުށްވެރިކޮށް ޑީއާރުޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޖަލުގައި ތިބި ގައިދީން ގޭބަންދަށް ދޫކޮށް އެ މީހުން ފަރާތުން ފެންނަމުންދާ އަމަލުތައް އެޕާޓީން ކުށްވެރިކުރާ ކަމަށާއި އެ ކަންތައްތައް ހުއްޓުވުމަށްޓަކައި އަދުގެ ސަރުކާރުން އެކަށޭނެ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށެވެ.


ޝަރީފް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އައިސްފައިވާ ސަރުކާރަކުން، ނޫސްވެރިންނަށް ހިމާޔަތް ދިނުމުގެ ބަދަލުގައި، އެ ދާއިރާއަށް ގޮންޖައްސަވައި ދައްކަވަމުންގެންދާ ވާހަކަތަކުން ސަބަބުން ނޫސްވެރިންނަށް ހަމަލާދިނުމަށް ބައެއް ފަރާތްތަކަށް ހިތްވަރު ލިބެމުންދާ ކަމަށެވެ. މީޑިއާގެ އެކިއެކި އިދާރާތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުން ބޭތިއްބުން އެއީ ރަގަނޅު ފާލެއް ކަމަށާއި ފުލުހުންގެ އެމީހުންގެ ޒިންމާ ފުރިހަމަ އަށް އަދާކުރުމަށް ވެސް ޝަރީފް ގޮވާލެއްވި އެވެ.


މިބައްދަލުވުމުގައި ޑީއާރުޕީގެ އަންހެނުން ގޮފީގެ ރައީސާ ދުންޔާ މައުމޫން މިއަދު ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ދޭ އިންޒާރުތަކާއި ހަމަލާތަކުގެ ޝިކާރައަކަށް އެ ދާއިރާގެ އަންހެން ކުދިންވެފައިވާ ކަމަށެވެ. އެ ގޮތުން ރޭ ސަންއެފްއެމްގެ އަންހެން ނޫސްވެރިޔަކު މަގުމަތިން ދަނިކޮށް ހުއްޓުވައި އެނާއަށް ތަފާތު އިންޒާރުދީ، ބިރުދެއްކި މައްސަލައަކީ އެ ކަމާމެދު ޑީއާރުޕީން ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ އަމަލްތައް އަބަދުވެސް ޑީއާރުޕީން ކުއްވެރިކުރާ ކަމަށް ދުންޔާ ވިދާޅުވި އެވެ.