ކޯޓްތަކުގައި ތިއްބަވާ ފަނޑިޔާރުންނާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާ ދެމެދު އެއްވެސް ގުޅުމެއް އޮންނަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ސުއޫދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ޔާމީން ހޯމަ ދުވަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސުއޫދު މީޑިޔާ މެދުވެރިކޮށް ދެއްކެވި ވާހަކަތަކުން ސުއޫދުއާ ފަނޑިޔާރުންނާ ދެމެދު ވަރަށް ބޮޑު ގުޅުމެއްވާކަން އެނގޭ ކަމަށެވެ. އަދި ސުއޫދު ދެއްވި ބަޔާނުގައި އޭނާ އެކަމަށް އިއުތިރާފުވެފައިވާ ކަމަށް ވެސް ޔަމީން ވިދާޅުވި އެވެ.

"ހުސްނުއް ސުއޫދު ދެއްވާފައި އޮތް ބަޔާނުން އޭނާ އަމިއްލައަށްވީ އިއުތިރާފުން އިނގޭ އޭނަޔާ ފަނޑިޔާރުންނާ ގުޅުން އޮންނަކަން. އޭނާ ވިދާޅުވި ތިމަންނަ މި ދާއިރާގައި އުޅޭތީ ތިމަންނަ ދަންނަ ފަނޑިޔާރުން އުޅޭ ރެސްޕެކްޓް ކުރާ މީހުން އުޅޭ. އެހެންވީމާ ސުއޫދު ކަންނޭނގެ ފަނޑިޔާރުންނާ ގުޅުން ބާއްވަން މަސައްކަތް ކުރަނީ. އެއްވެސް މީހެއްގެ ޑިފެންސް ލޯޔަރަކަށް ހުރެގެން އެއްވެސް ފަނޑިޔާރަކާ ގުޅުން ބަދަހިއެއް ނުކުރެވޭނެ. އެއްވެސް ފަނޑިޔާރަކާ ހުސްނުއްސުއޫދު އާ ގުޅުން އޮވެގެން ނުވާނެ. ކޯޓުގައި ކްލައިންޓް ދިފާއު ކުރުމަށް ދައްކަވާ ވާހަކައިގެ އިތުރަށް ސުއޫދު ފަނޑިޔާރުންނާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމް އިން ވެސް އަދި ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނޭ މީހަކު ވެސް އެއްވެސް އިރެއްގައި ޖުޑިޝަރީ އަށާއި ފަނޑިޔާރުންނަށް ނުފޫޒް ފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޕީޕީއެމް އިން އަބަދުވެސް ބޭނުންވާ ކަމަށާއި އެކަމަށް ޓަކައި އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޝަރުއީ ދާއިރާ އަށް ފާޑުކިޔުމަކީ ފަނޑިޔާރުންނަށާއި ޝަރުއީދާއިރާ އަށް ނުފޫޒު ފޯރުވުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޝަރުއީ ދާއިރާގައި މައްސަލަތައް ނުނިމި ލަސްވުމަކީ ޕީޕީއެމް އިން ކަންބޮޑުވާ ކަންކަން ކަމަށާއި ކޯޓްތަކަށް ހުށަހެޅޭ މައްސަލަތައް ނުނުމި ލަސްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޖޭއެސްއަކީ ޑިމޮކްރެޓިކް އުސޫލުން މަސައްކަތް ކުރަން ޖެހޭ ތަނެއް ނޫން ކަމަށާއި ޖޭއެސްސި މަސައްކަތް ކުރަން ޖެހޭނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި އެއްވެސް މީހަކާ ގުޅޭ ގޮތުން ޖޭއެސްސީ އަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއް ރައްދުވާ ފަރާތަކަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ ހައިކޯޓްގެ އިސް ފަނޑިޔާރު ސަސްޕެންޑް ކުރެއްވުމަށް ޖޭއެސްސީން ނިންމެވި ނިންމެވުމަކީ ޖޭއެސްސީގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޖޭއެސްސީން ހައިކޯޓްގެ އިސްފަނޑިޔާރާ މެދު އަޅާފައިވާ ފިޔަވަޅާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޖޭއެސްސީން ހައިކޯޓްގެ އިސްފަނޑިޔާރު ސަސްޕެންޑް ކުރެއްވުމުގެ ކުރިން ހައިކޯޓްގެ އިސްފަނޑިޔާރު ނެކްސްބިޒްގެ އިސްބޭފުޅުންނާ ބެންކޮކްގައި ބައްދަލު ކުރެއްވި ކަމަށް މީޑިޔާތަކުގައި ތުހުމަތު ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން ޔާމީން ވިދާޅުވީ އެއް ވެސް ފަނޑިޔާރަކު އޭނާ ބަލަމުންދާ މައްސަލައެއްގައި ހިމެނޭ އެއްވެސް ބަޔަކާ އެއްވެސް ތަނެއްގައި ބައްދަލުކޮށްގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ސުއޫދު ވާހަކަ ދެއްކުމުގެ ބަދަލުގައި ހައިކޯޓްގެ އިސްފަނޑިޔާރު އެކަން ނުކުރައްވާކަން ސާބިތު ކޮށްދެއްވުން މާ ރަނގަޅުވާނެ ކަމަށެވެ.

ޝަރީޢަތުގެ މަރުހަލާގައިވާ މައްސަލަތަކުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީޢަތަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެތޯ ނުވަތަ ނޫންތޯ ސާފުވާން ޖެހޭ ކަމަށެވެ. އަދި އެކަން އެމްޑީޕީގެ އެތައްހާސް މެންބަރުންގެ ހައްގުގައި ވެސް ސާފުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އިޖުރާއީ ނުކުތާ ނަގައިގެން ޝަރީއައްތައް ލަސްކުރުމަކީ ދުނިޔޭގެ ތަރއްގީވެފައިވާ ގައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވޭނެ ތޯ ނުވަތަ ނޫން ތޯ މިއީ ނިންމަން ޖެހޭ ކަމެއް. އެމްޑީޕީގެ އެތައްހާސް މެންބަރުގެ ހައްގުގައި ވެސް އަދި ރާއްޖޭގެ ގާނޫނުތައް ހިމާޔަތްކޮށް ދަމަހައްޓަން ވެސް އެބަ ޝަރީއަތުން ނިންމަންޖެހޭ ރައީސް ނަޝީދަށް ކުރިމަތިލެއްވޭތޯ ނުވަތަ ނޫންތޯ. އަޅުގަނޑުމެން ބޭނުމެއް ނޫން މިކަން ނޭނގިތިބެ އިންތިހާބަކަށް ދާކަށެއް. މިއީ އެއް މައްސަލަ. އަޅުގަނޑު އާއްމުކޮށް ދައްކާ ވާހަކައަކީ އަސްލު މައްސަލަ ބާއްވާފައި އިޖުރާއީ ނުކުތާތަކެއް ނަގައިގެން ދަންމަދުން ދާކަހަލަ ގޮތަކަށް މި ފެންނަނީ، މިއީ ދުނީޔޭގެ އެހެން ގައުމުތަކުގައި ކަން ކުރާ އުސޫލެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ ޝަރުއީދާއިރާ އަށް ބަލާއިރު ފެންނަނީ މައްސަލަތައް އަވަސް ކުރުމުގެ ބަދަލުގައި އިޖުރާއި ނުކުތާތަކާއި ވަގުތީ އަމުރުތަކުގައި ޝަރީއަތްތައް ލަސްކުރަމުންދާ ތަން ކަމަށެވެ. އަދި އެކަމަކީ މިހާރުން މިހާރަށް ވެސް ހައްލުކުރަން ޖެހޭ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

ސުއޫދު މިއަދު ސަން އަށް ވިދާޅުވީ ވޭތުވެ ދިޔަ ދެތިން ހަތަރު އަހަރުގެ ތެރޭގައި ޝަރީއަތުން ބޭރުގައި އޭނާ އެއްވެސް ފަނޑިޔާރަކާ ބައްދަލުކުރައްވާފައި ނުވާނެ ކަމަށާއި ޔާމީން އެ ދައްކަވާ ވާހަކައިގެ އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި ސުއޫދު ވިދާޅުވީ އޭނާ ދެއްވި ނޫސް ކޮންފަރެންސުގައި "ތިމަންނަ މި ދާއިރާގައި އުޅޭތީ ތިމަންނަ ދަންނަ ފަނޑިޔާރުން އުޅޭ ރެސްޕެކްޓް ކުރާ މީހުން އުޅޭ" ވިދާޅުވެފައި ނުވާނެ ކަމަށާއި އެއީ މުޖުތާޒު ފަހުމީ، ވިދާޅުވި ކަމަށް ނޫސްކޮންފަރެންސުގައި ވިދާޅުވި ވާހަކައެއް ކަމަށެވެ.