05 Jun 2013, 10:44
ވޯލްޑް ކަޕް އޭޝިއަން ކޮލިފައިން ގްރޫޕް ބީ ގައި، އިއްޔެ އިރާގް އަތުން 1-0 ން މޮޅުވެގެން ގްރޫޕުގެ ދެވަނައަށް ކުރިއަށް ޖެހި، އޮމާން އެގައުމުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައި ވުމުގެ އުއްމީދު އާކޮށްފި އެވެ.
އޮމާންގެ ވެރިރަށް މަސްޤަތުގެ ސުލްތާން ގަބޫސް ސްޓޭޑިއަމްގެ ގަދަ ހޫނުގައި އިއްޔެ ކުޅުނު މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު އޮމާނަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ގަޑީގައި އިސްމާއީލް އަލް އަޖްމީ އެވެ.
ގްރޫޕް ބީގެ އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ޖަޕާނާއި އޮސްޓްރޭލިޔާ އެއްވަރުވެ 14 ޕޮއިންޓުގެ ލީޑަކާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެން ޖަޕާ ވޯލްޑް ކަޕަށް ކޮލިފައި ވެފައިވާއިރު ހަތް ޕޮއިންޓާއެކު ތާވަލުގެ ތިނެއް އަދި ހަތަރެއްގައި އޮތް އޮސްޓްރީލިޔާއާއި އުރުދުންގެ ކުރިއަށް އޮމާން ޖެހިލީ ކުޅުނު ހަތް މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. އިއްޔެގެ މެޗުން ބަލިވުމުން އިރާގު އޮތީ ފަސް ޕޮއިންއެކު ތާވަލުގެ ފުލުގަ އެވެ.
ކޮލިފައިން ގުރޫޕް ސްޓޭޖްގައި އޮމާން ކުޅެން ޖެހޭ ފަހުމެޗު މިމަހުގެ 18 ވަނަ ދުވަހު ކުޅޭނީ އުރުދުންގައި އެގައުމާ ދެކޮޅަށެވެ. އޭޝިއަން ކޮލިފައިން ގްރޫޕް އޭ އަދި ގްރޫޕް ބީގެ އެއްވަނަ އަދި ދެވަނަ އަށްދާ ޓީމުތައް ވޯލްޑްކަޕަށް ކޮލިފައިވާއިރު ކޮންމެ ގުރޫޕެއްގެ ވެސް ތިންވަނަ ޓީމަށް ޕްލޭއޮފް މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.
ގްރޫޕު ބީގެ ތިންވަނައަށް ދާ ގައުމެއް އެހެން ގްރޫޕެއްގެ ތިންވަނައަށްދާ ގައުމަކާއި ޕްލޭއޮފް ކުޅެގެން މޮޅުވާ ޓީމް ވޯލްޑް ކަޕަށް ކޮލިފައި ވުމަށްޓަކައި ވާދަ ކުރަން ޖެހޭނީ ދެކުނު އެމެރިކާ ބައްރުގެ ފަސްވަނައަށް ދާ ގައުމަކާއެވެ.