05 Jun 2013, 10:08
ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންގައި އިއްޔެ އޮސްޓްރޭލިޔާއާ ވާދަކޮށް 1-1 ލަނޑުން އެއްވަރުވެ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލްއާ އެކު ވޯލްޑް ކަޕް 2014އަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ޖަޕާން ވެއްޖެ އެވެ.
ޖަޕާން ވޯލްޑްކަޕަށް ކޮލިފައި ވެފައި ވަނީ އެ ގައުމު ހިމެނޭ ގްރޫޕް ބީ ގެ ތާވަލުގައި އެންމެ ކުރީގައި އެހެން ގައުމުތަކުގެ އަތް ނުފޯރާފަށުގައި ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިގެން ނެވެ.
ޖަޕާނުގެ ސައިތަމާގައި ކުޅުނު އެމެޗުގައި ފުރަތަމަ ކުރި ހޯދީ އޮސްޓްރޭލިޔާ އެވެ. އެގޮތުން މެޗުގެ 82 ވަނަ މިނިޓުގައި އޮސްޓްރޭލިޔާ އަށް ލަނޑު ކާމިޔާބު ކޮށްދިނީ ޓޮމީ އޯ އެވެ. އެތައްހާސް ސަޕޯޓަރުންގެ ކުރިމަތީގައި ބައްޔަކުން މެޗު ނިންމާލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައި ތިބި ޖަޕާން ޓީމް، ޖެހިޖެހިގެން ފަސްވަނަ ފަހަރު ވޯލްޑް ކަޕަށް ކޮލިފައިވުމަށް ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހަދައިދިނީ މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ކާމިޔާބުކޮށްގެން ކެއިސޫކޭ ހޮންޑާ އެވެ.
ޖަޕާން ކޮލިފައި ވެފައިވާ އިރު އެ ގްރޫޕުގެ އޮޓޮމެޓިކް ދެވަނަ ޖާގައަށް އޮސްޓްރޭލިޔާ އާއެކު ވާދަކުރަނީ، ޖޯޑަން އޮމާން އަދި އިރާގު އެވެ.
ގްރޫޕު ބީގެ ތިންވަނައަށް ދާ ގައުމެއް އެހެން ގްރޫޕެއްގެ ތިންވަނައަށްދާ ގައުމަކާއި ޕްލޭއޮފް ކުޅެގެން މޮޅުވާ ޓީމް ވޯލްޑް ކަޕަށް ކޮލިފައި ވުމަށްޓަކައި ވާދަ ކުރަން ޖެހޭނީ ދެކުނު އެމެރިކާ ބައްރުގެ ފަސްވަނައަށް ދާ ގައުމަކާއެވެ.