ޕެރިސް (ޖޫން 05): ސޫރިޔާގައި ކެމިކަލް ހަތިޔާރުގެ ބާވަތެއް ކަމަށްވާ ސެރިން ގޭސް ބޭނުންކޮށްފައިވާކަން ލެބޯޓްރީ ތަޙްލީލުތަކުން ޔަގީންވެއްޖެ ކަމަށް ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރާން ފެބިއޮސް ވިދާޅުވެއްޖެ އެވެ.

ޕެރިހުގައި ވާހަކަ ދައްކަވަމުން ފެބިއޮސް ވިދާޅުވީ ސޫރިޔާގައި ދާޚިލީ ހަނގުރާމަ ހިނގަމުންދާ ބައެއް ސަރަހައްދުތަކުން ސާމްޕަލްނަގައިގެން ފަރަންސޭސި ލެބޯޓްރީތަކުގައި ކުރި ތަޙްލީލުތަކުން ސޫރިޔާގައި އެކިފަހަރުމަތިން ސެރިން ގޭސް ބޭނުންކޮށްފައިވާކަން ކަށަވަރު ވެފައިވާ ކަމުގަ އެވެ. އަދި ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ޝައްކުކުރެވެނީ އެގައުމުގެ ސިފައިން ކަމަށް ވެސް ފެބިއޮސް ތުހުމަތު ކުރެއްވި އެވެ.

ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކުރުމަކީ ރަތް ރޮނގު ހުރަސްކުރުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ މިކަމުގެ ތުހުމަތު ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ މައްޗަށް ނުސީދާގޮތެއްގައި ކުރައްވައި އެކަން ސާބިތުވެއްޖެ ނަމަ ސޫރިޔާއާ މެދު މިހާރު އެމެރިކާ ގެންގުޅޭ މައިތިރި ސިޔާސަތު ބަދަލުކުރާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ނަމަވެސް ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ޝައްކު ކުރެވެނީ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރެއިން ބަޔަކުކަމަށް ވިދާޅުވެ އދ.ގެ ތަހްގީގު ޓީމުގެ މެންބަރަކު މިދޔަ މޭމަހުގެ ކުރީކޮޅު ދެއްވި ބަޔާނަކަށް ފަހު އޮބާމާ މިކަމާބެހޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އައްނުސްރާ ޖަމާއަތަކީ ޢިރާޤުގައި ޙަރަކާތްތެރިވާ އަލްޤާޢިދާ ހަނގުރާމަވެރިންނާ ގުޅުންބޮޑު ޖަމާއަތެއް ކަމަށް ތުހުމަތު ކުރެވިފައިވާ ޖަމާއަތެކެވެ. ޢިރާޤުގައި ފުޅާދާއިރާއެއްގައި މީހުން މެރުމާއި ބޮންގޮއްވުމުގެ ޢަމަލުތަކުގައި ޙަރަކާތްތެރިވާ އަލްޤާއިދާގެ ހަނގުރާމަވެރިންގެ ބަޔަކު ބަޣްދާދުގެ އުތުރުގައި ކެމިކަލް ހަތިޔާރުގެ ދެ ލެބޯޓްރީއެއް ޤާއިމްކޮށް ސެރިން ގޭހާއި މަސްޓަޑް ގޭސް އުފައްދަން މަސައްކަތްކޮށްފައިވާކަން ދާދިފަހުން ޢިރާޤުންވަނީ ހާމަކޮށްފަ އެވެ. މިމަސައްކަތުގައި ޙަރަކާތްތެރިވަމުން ދިޔަ އަލްޤާޢިދާގެ ސެލްއެއް ހައްޔަރުކޮށްފައިވާ ކަން ވެސް ޢިރާޤުން ހާމަކޮށްފައިވެ އެވެ. (އަލްޖަޒީރާ)