05 Jun 2013, 09:59
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއަށް އިއްޔެ އަރުވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ އިއްޒަތް ރައީސް މަހުމޫދު އައްބާސް އަށް ރައީސް މުހައްމަދު ވަހީދު މި އެރުއްވީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ގާނޫނުގައިވާ ގޮތުގެ މަތިން އިނާމާއި ލަގަބާއި ޝަރަފާއި މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވީ ހިނދު، ރާއްޖެއާއި ފަލަސްތީނާ ދެ ގައުމުގެ ދެމެދުގައިވާ ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި މިގުޅުން ތަރައްގީ ކުރައްވައި ވަރުގަދަ ކުރެއްވުމަށާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އުހުއްވަތްތެރިކަމުގެ ގުޅުން ގާއިމްކުރެއްވުމަށް ފަލަސްތީނުގެ ރައީސް އަދާކުރައްވާފައިވާ މުހިންމު ދައުރު ފާހަގަކުރެއްވުމުގެ ގޮތުންނާއި މެދުއިރުމަތީގެ ސުލްޙަ ގާއިމުކުރެއްވުމަށާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރައްވައި ދެމެހެއްޓެވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށާއި ހިދުމަތްތަކަށްޓަކައި ކަމަށެވެ.
ފަލަސްތީނުގެ ރައީސަށް އެ އިއްޒަތް ރައީސް ވަހީދު އެރުއްވީ އެމަނިކުފާނާ އިއްޔެ ބައްދަލުކުރައްވަ އެވެ. މި ބައްދަލުކުރެއްވުމުގައި ފަލަސްޠީނުން އަރުވާ އެންމެމަތީ ޝަރަފް، ސްޓާ އޮފް ޕެލަސްޓައިން ރައީސް ވަހީދަށް، އެ ގައުމުގެ ރައީސް މަހުމޫދު އައްބާސް ވަނީ އަރުވައިފަ އެވެ.
"ފަލަސްޠީނުގެ ތަރި" މި ޝަރަފް ރައީސަށް އެރުވީ ދިވެހި ރާއްޖެއާއި ފަލަސްތީނާ ދެ ގައުމުގެ ދެމެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ފަލަސްޠީނުގެ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އެންމެފަހުން އަރުވާފައި ވަނީ، ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ސަޢޫދީ ޕްރިންސް އަލްވަލީދު ބިން ޠަލާލު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް 2 ޑިސެމްބަރު 2009 ގަ އެވެ.