05 Jun 2013, 09:56
ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މިފަހަރުގެ ޓްރާންފާ މާކެޓްގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ޗެލްސީއަށް ރޮނާލްޑޯ ބަދަލުވާން ބޭނުންވާ ކަމަށް ތަފާތު ގޮތްގޮތުން މީޑިއާގައި އަޑުފެތުރިފައި ވަނިކޮށް، އެ ވާހަކަތަކަށް ރައްދު ދެމުން ރޮނާލްޑޯ ބުނެފައި ވަނީ، ރެއާލްގައި މަޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ކުރީގެ ކުލަބް މެންޗެސްޓާ ޔުނައިޓެޑަށް އެބުރި ދިއުމަކީ އަބަދުވެސް ކުރަމުން އަންނަ އުންމީދެއް ކަމަށެވެ.
"ރެއާލްގެ ކޮންޓެރްކް އަކުރުމުގެ ވިސްނުމެއް ނެތް. ރެއާލްގައި ހުރީ ހިތް ހަމަޖެހިގެނެއް ނޫން. ޔުނައިޓެޑަށް އެބުރި ދިއުމަކީ އަބަދު ވެސް ކުރަމުން އަންނަ އުންމީދެއް" ރޮނާލްޑޯ ބުނެފައި ވެއެވެ.
މިފަހަރުގެ ޓްރާންފާ މާކެޓްގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ޗެލްސީއަށް ރޮނާލްޑޯ ބަދަލުވާން ބޭނުންވާ ކަމުގެ އަޑުތައް ވަނީ މީޑީޔާގައި ފެތުރިފަ އެވެ. އެހެން ނަމަވެސް ރެއާލްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެފައި ވަނީ އެ ކުލަބުގެ މުސްތަގުބަލު ބިނާކުރަން ނިންމާފައި ވަނީ ރޮނާލްޑޯ ހިމަނައިގެން ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް 2009 ވަނަ އަހަރުގެ ޖޫންމަހު 80 މިލިޔަން ޕައުންޑުގެ ފީއަކަށް ބަދަލުވުމާ ގުޅިގެން ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.
ރޮނާލްޑޯ ވަނީ މި ސީޒަންގައި ރެއާލްއަށް އޭނާ ކުޅުނު 53 މެޗުގައި އެކުލަބަށް 53 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި އޭނާ ރެއާލްއަށް ބަދަލުވި ފަހުން އެކުލަބަށް މިހާތަނަށް 200 އަށް ވުރެ ގިނަ ލަނޑު ކާމިޔާބުކޮށް ދީފައިވެ އެވެ.
މިދިޔަ ޖެނުއަރީގައި ރޮނާލްޑޯ ބުނެފައި ވަނީ 2015 ވަނަ އަހަރު ރެއާލްއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އެހެން ދިމާއަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. ރޮނާލްޑޯ ހޯދުމަށް ޔުނައިޓެޑާއި ފްރާންސްގެ ޕީއެސްޖީއިން ބޮޑު ޝައުގުވެރި ކަމެއް ފާޅުކޮށްފައިވާ އިރު ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ދާދިފަހުން ފަހުން ވަނީ ޗެލްސީއަށް ބަލަލުވެފައެވެ. އެހެން ކަމުން މިޑީއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ޗެލްސީއަށް ބަދަލު ވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެއެވެ.