05 Jun 2013, 09:49
ޖުޑިޝަލް ސާވީސް ކޮމިޝަނުގެ ބައްދަލުވުންތަކުގައި ސިވިލް ސާވީސް ކޮމިޝަނުގެ ރައީސްގެ ހަސިއްޔަތުން މުހައްމަދު ފަހުމީ ހަސަން އިންނަވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބުނެ ކުރީގެ ބަންޑަރަ ނައިބު އާޒިމާ ޝުކުރޫ އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މިހާރު ބަންޑަރަ ނައިބު އައިޝަތު ބިސާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ރޭ ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ބިސާމް ވިދާޅުވީ ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން ފަހުމީ ޖޭއެސްސީގައި އިންނެވުމާ އޭރުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކުރު އެ ކޮމިޝަނާ ސިޓީއަކުން ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
"[ ފަހުމީ އަށް މަގާމުގައި ނުހުންނެވޭނެ ކަމަށް ބުނެ] ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކުރު ދެއްވި ލަފާ އެގޮތަށް އަޅުގަނޑު ވެސް ގަބޫލުކުރާ ވާހަކަ އަޅުގަނޑަށް ވެސް މީޑިޔާގައި ކުރެވުނު ސުވާލަކަށް ވާނީ ޖަވާބުދީފައި. ހަމަ އެމޭރުމުން އެ ކޮންޓެންޓް ހިމެނޭ ސިޓީއެއް އޭރު ބަންޑާރަ ނައިބު ވަނީ ޖުޑިޝަލް ސާވީސް ކޮމިޝަނަށް ވެސް ފޮނުވާފައި. އެ ލަފަޔާ [ޖޭއެސްސީ އަށް ދިން ލަފާ] އާ ގުޅޭ ގޮތުން ވެސް އަޅުގަނޑުގެ ހިޔާލު ތަފާތެއްނުވޭ. އެގޮތަށް އަޅުގަނޑުގެ ސްޓޭންޑަކީ އަދި ވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ފަހުމީ ނުވަތަ ސިވިލް ސާވީސްކޮމިޝަނުގެ ރައީސް ރީސްޓޭންޑެޑް [އަނބުރާ އެ މަގާމަށް އާދެވުނު ކަމަކަށް] ގަބޫލެއް ނުކުރަމޭ،" ބިސާމް ވިދާޅުވި އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް ސަސްޕެންޑް ކުރުމަށް ނިންމެވި ޖަލްސާގައި ފަހުމީ ބައިވެރިވެވަޑައިގެންނެވި އެވެ. ފަހުމީއާއެކު އެ ޖަލްސާގައި ހަތް މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، އިސް ފަނޑިޔާރު ސަސްޕެންޑު ކުރަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ ފަސް މެންބަރުންނެވެ. އިސް ފަނޑިޔާރު ސަސްޕެންޑު ކުރަން ނިންމީ ތިން މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ފަހުމީ އެ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
ފަހުމީ އަށް ސިވިލް ސާވީސް ކޮމިޝަނުގައި އިންނެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ގާނޫނީ ހަސިއްޔަތު ނެތް މީހަކު ހިމަނައިގެން ބާއްވާ އެހެން ބައްދަލުމެއް ސައްހަ ނުވާނެ ކަމަށް ވެސް ބިޝާމް ރޭ ވަނީ ވިދާޅުވެފަ އެވެ.