05 Jun 2013, 09:37
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސްކޫލް ލީގު 2013ގެ 11 އަހަރުން ދަށުގެ ޢުމުރުފުރައިގެ ބައިގައި އިއްޔެ ކުޅުނު މެޗްތަކުން އިސްކަންދަރު ސުކޫލާއި މުހިއްދީން ސްކޫލް މޮޅުވެއްޖެ އެވެ. އެގޮތުން މުހިއްދީން ސްކޫލް އިއްޔެ ވަނީ ދެމެޗް ކުޅެފަ އެވެ.
މުބާރާތުގައި އިއްޔެ ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗް، ކުރިކެޓް ބޯޑުގެ ވައިޑީޕީ ޓީމާއި ބައްދަލުކޮށް އިސްކަންދަރު ސުކޫލުން ކަމިޔާބު ކުރީ 16 ލަނޑުންނެވެ. ދެ ވަނަ މެޗް ތާޖުއްދީން ސްކޫލާއި ބައްދަލުކޮށް 74 ލަނޑުން ކާމިޔާބުކުރީ މުހިއްދީން ސްކޫލެވެ. އަދި ތިން ވަނަ މެޗް ވައިޑީޕީ އާއި ބައްދަލުކޮށް 37 ލަނޑުން ކާމިޔާބުކުރީ މުހިއްދީން ސްކޫލެވެ.
އެސްޓީއޯއިން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރި ވެފައި ވަނީ އިސްކަންދަރު ސްކޫލްގެ އޭ ޓީމާއި ބީ ޓީމު، މުޙިއްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި ކްރިކެޓް ބޯޑުގެ ޔޫތު ޑިވެލޮޕްމަންޓް ޓީމެވެ.
މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ އުމުރުފުރާގައި މިއަދު ހެދުނު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިސްކަންދަރު ސްކޫލާއި ތާޖުއްދީނެވެ. އަދި ދެ ވަނަ މެޗުގައި ބައްދަލުކުރާނީ މުހިއްދީން ސްކޫލާއި ވައިޑީޕީ ޓީމެވެ.
ކުރިކެޓް ބޯޑުން ބުނީ، މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.