05 Jun 2013, 09:21
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމާ ސަރުކާރުން އަލުން ހަވާލުވުމާ ގުޅިގެން އެތައް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ދޮރާށި ހިންގުން މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ރެއިން ފެށިގެން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ހަވާލުވުމަށް ފަހު، ފާހަގަކުރެވޭ ބަދަލުތަކެއް އަދި ފެނިފައެއްނުވެ އެވެ. ނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަން ހަރުދަނާކުރުމަށް ތަފާތު އެތައް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޑރ. އިބްރާހިމް މަހުފޫޒު މިދިޔަ އާދިއްތަ ދުވަހު "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ކުންފުނިން އެއާޕޯޓު ހިންގުމާ އަލުން ހަވާލުވުމަށް ފަހު އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ދެތިން ކަމަކަށް ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފްލައިޓްތައް ޑިލޭވުން މަދުކުރުމެވެ. އޭގެ އިތުރުން ކުންފުނީގެ ފައިދާ ހަތަރު ގުނަ އިތުރުކުރަން މަސައްކަތްކޮށްފައިވާ ކަން ޑރ. މަހުފޫޒު ފާހަގަކުރެއްވި އެވެ.
"ކެޕިޓަލެއް އިންވެސްޓްމަންޓެއް އިންތިގާލީ މަރުހަލާގައި ނުކުރަން. ނަމަވެސް އޭގެ މާނައަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނުކުރާ ވާހަކައެއް ނޫން. އޭރު ހިންގުމާ ހަވާލުވިއިރު ދުއްވާ ބަސްތައް އިތުރުކުރަން މަސައްކަތްކުރެވުނު. އޭރު ލަފާކުރެވުނީ އޭޕްރިލް ހާތަނުގައި ކަމަށް ވިއްސާރަ މޫސުމް ފެށޭނީ. އިތުރު ހަތަރު ބަސް ނެރެން ޓާގެޓްކޮށް މާޗް މަހު އެކަން ކުރެވުނު،" އޭނާ ވިދާޅުވި އެވެ.
ޑރ. މަހުފޫޒު ވިދާޅުވީ އެމްއޭސީއެލް އިން އެއާޕޯޓް ހިންގުމާ އަލުން ހަވާލުވުމަށް އިތުރު ހަތަރު ބަސް ހޯދުމަށް ނިންމައި، އަންނަ އޮކްޓޯބަރު މަހު ގެންނާނެ ކަމަށެވެ.
އެއާޕޯޓުން ކަރަންޓު ކެނޑުމުގެ މައްސަލަ:
އެއާޕޯޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ހިމެނެ އެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިތުރު ޖަނަރޭޓަރުތަކެއް ހޯދުމަކީ މިހާރު އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމެވެ. އެގޮތުން އެއާޕޯޓުގެ އޭޕްރަން ކައިރީގައި ހުންނަ މުސްކުޅި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށް އާ އިންޖީނުތަކެއް ހޯދަން ނިންމާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެކަން ކުރެވެން އަންނަނީ އާ ޖަނަރޭޓަރުތަކެއް ހޯދައިގެން. އާ ދެ ޖަނަރޭޓަރު ހޯދަން މިހާރު ވަނީ އޯޑަރުކުރަން ނިންމާފައި. އެގޮތުން 1.2 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެންނަން ނިންމާފައި ވަނީ،" ޑރ. މަހުފޫޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުގެ މުހިންމު ތަންތަނުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމުގެ ގޮތުން އާ ދެ ޖަނަރޭޓަރު ގެނައުމުގެ އިތުރުން އެއާޕޯޓުގައި ޔޫޕީއެސްތަކެއް ހަރުކުރަމުންދާ ކަމަށެވެ.
"އޭރުން އެންމެ މުހިންމު ސަރަހައްދުތަކުން ކަރަންޓް ކެނޑުނަސް ނޭނގި ހިދުމަތް ދެވޭނެ. އެ މަސައްކަތް މިހާރު ފެށިގެން ދަނީ ކުރިޔަށް،" ޑރ. މަހުފޫޒު ވިދާޅުވި އެވެ.
އެއާޕޯޓުގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް:
އެއާޕޯޓްގައި ކަރަންޓް ކެނޑުމުގެ މައްސަލައިގެ އިތުރުން ވިއްސާރަ ދުވަސްތަކުގައި އެއާޕޯޓުގެ ޓާމިނަލް ތެރޭގައި ފެންބޮޑުވުމަކީ ގިނަ ބައެއްގެ ފާޑުކިއުމުން އަމާޒުވެފައިވާ އެއް ކަމެވެ. ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ވެސް އެމްއޭސީއެލް އިން ވަނީ މަސައްކަތްތަކެއް ކުރަން ފަށައިފަ އެވެ.
އެ މައްސަލައާ ބެހޭ ގޮތުން މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެންމެ ބޮޑަށް ފުރާޅުން ފެންލީކުވާ ތަންތަނުން އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.
"މިހާރު މިކުރެވެނީ ވަގުތީ މަސައްކަތްތަކެއް. އެކަން ހައްލުކުރެވެން އޮތީ އެއާޕޯޓުގެ ފެން ހިންދާ ނިޒާމް ބަދަލުކޮށްގެން،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގެ ޓާމިނަލްގައި ފެންބޮޑުވާ މައްސަލައަކީ ސީރިއަސް މައްސަލައެކެވެ. ބައެއް ފަހަރު ފުރާޅުން ލީކުވެގެންނާއި ތިރިން ފެންބޮޑުވެގެން ޓާމިނަލްގެ މަސައްކަތް ހުއްޓޭ ހިސާބަށް ގޮސްފައިވެ އެވެ. އެ މައްސަލަ ދިމާވާ ސަބަބެއްކަމެއްގެ ގޮތުގައި ޑރ. މަހުފޫޒު ފާހަގަކުރެއްވީ އެއާޕޯޓުގެ ފުރާޅުތަކުން ފައިބާ ފެން ހިންދާ ނިޒާމު މުސްކުޅިވުމެވެ.
"ޑްރައިނޭޖް ސިސްޓަމް ފުރިގެން މައްޗަށް އަރަނީ. އެ މައްސަލަ ދިމާވާ އެންމެ ބޮޑުކަމަކީ އޭޕްރަން މިހާރު އެތައް ގުނައެއް ބޮޑުވުން. އެތަނަށް ފައިބާ ފެން މޫދަށް ބޭރުކުރަނީ ޑްރައިނޭޖް ސިސްޓަމްގެ ތެރެއިން. އެއާޕޯޓުގައި ކުރިއަށް ވުރެ އެތައް ފުރާޅެއް އިތުރުވެއްޖެ. އެހެން ނަމަވެސް އެހުރިހާ ތަނެއްގެ ހޮޅި ގުޅާފައި ވަނީ އެ ޑްރައިނޭޖް ސިސްޓަމާ. އާދަޔާ ހިލާފަށް ގިނައިން ވެހޭ ވަގުތު އެ ޑްރައިނޭޖް ސިސްޓަމަށް އެއްގޮތަކަށް ވެސް އޮބިނޯވޭ،" އޭނާ ވިދާޅުވި އެވެ.
ޑރ. މަހުފޫޒު ވިދާޅުވީ ޑްރައިނޭޖް ސިސްޓަމް ފުރިގެން ބައެއް ފަހަރު ތިރިން މައްޗަށް ދެ ފޫޓަށް ވެސް ފެންގަނޑު އުފުލިފައިވާ ކަމަށެވެ.
"މުޅި ޑްރައިނޭޖް ސިސްޓަމް ބަދަލުކުރަން ޖެހޭ. މިހެންވާތާ އެތައް އަހަރެއްވެއްޖެ. އެކަން ކުރަން ސިސްޓަމް އަލުން ޑިޒައިންކޮށްގެން. އެއާޕޯޓުގައި ބައިވަރު ކުދި ކުދި ފުރާޅުތަކެއް އެބަހުރި. ޑިޕާޗާ ޓާމިނަލްގެ އެތެރެއަށްވާ ގޮތަށް ހަދާފައިވާ ފުރާޅުތަކުން އެބަހުރި ފަސް ދިޔަދޮވި އެތެރެއަށް. އާދަޔާ ހިލާފަށް ބޯކޮށް ވެހޭއިރު އެދިމާލުން ހޮޅިއެއް ކިރާ ބްލޮކް ވިޔަސް ފެންފައިބަން ފަށާ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގެ ޓާމިނަލްގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ދާއިމީ ހައްލެއް ގެންނަން ޖެހިފައިވާ ކަމަށް ޑރ. މަހުފޫޒު ވިދާޅުވި އެވެ. އަދި އެތަނުގެ ފެން ހިންދާ ނިޒާމް ޑިޒައިންކުރަން ބަޔަކު ހޯދަން މަސައްކަތް ފަށާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
"އެކި ދިމާދިމާލު ފުރާޅުން ފެން ފޭބުމަށް 400 އަށްވުރެ ގިނަ ފެންހޮޅި އަޅާފައި އެބަހުރި. އެ މައްސަލަ ހައްކުކުރަން މުޅި ޑްރެއިނޭޖް ސިސްޓަމް ބަދަލުކުރަން ޖެހޭ. އެހެން ނޫނީ މި މައްސަލަ ހައްލެއްނުވާނެ. މިހާރު ޓާމިނަލްގެ ތެރެއަށް ފެން ފައިބާ ތަންތަން ވަރަށް ބޮޑަށް ހައްލުކުރެވިއްޖެ،" އޭނާ ވިދާޅުވި އެވެ.
ރަންވޭގެ މައްސަލައަށް ހައްލު ހޯދުން:
ޓާމިނަލްގައި ފެންބޮޑުވުމުގެ އިތުރުން އެއާޕޯޓުގެ ރަންވޭ މަރާމާތުނުކުރާތާ ގިނަ ދުވަސްތަކެއްވުމުން އެތަނުގައި ވަޅުގަނޑުތައް ހެދި ވާރޭ ވެހޭ ދުވަސްތަކުގައި ފެންހަރުލާ މައްސަލަ ވެސް ދަނީ ދިމާވަމުންނެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ދޭތެރެ ދޭތެރެއިން ރަންވޭ ބަންދުކޮށްގެން ތަންތަންކޮޅުގައި ތާރު އެޅި ނަމަވެސް އެ މައްސަލަ މުޅިން ހައްލުވެފައެއްނުވެ އެވެ.
ސަރުކާރުން އެއާޕޯޓް ހިންގުމާ ހަވާލުވުމަށް ފަހު އެ މައްސަލަ ހައްލުކުރަން ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްތަކެއް ކުރަން ފަށާފައިވާކަން ޑރ. މަހުފޫޒު ފާހަގަކުރެއްވި އެވެ. އެގޮތުން ރަންވޭގެ ހާއްސައެއް ކުރަން ފްރާންސްގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރަންވޭއަކީ ވަރަށް ގިނަ ދުވަސްވީ ރަންވޭއެއް. އޭރު އެކަންކުރީ ޓާގެޓް ފްލައިޓްތަކަކަށް އަދި އޭރު އަންދާޒާކުރި މިންވަރަށްވުރެ ފްލައިޓްގެ ފްރިކްއެންސީ އިތުރުވެއްޖެ. އަންނަ ފްލައިޓްތަކުގެ އަދަދު އިތުރުވުމުން މިހާރު މިހާރު މޭޖާ ރިޕެއާއެއް ކުރަން ޖެހޭ. އެކަމަށް ސާވޭ ފެށިތާ މިހާރު ފަސް ދުވަސްވެއްޖެ. އެ ސާވޭ ނިމުމުން އެނގޭނެ ކިހާވަރެއްގެ ރިޕެއާއެއްކަން ކުރަން ޖެހޭނީ،" ޑރ. މަހުފޫޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ރާއްޖެ އަންނަ ފްލައިޓްތައް އިތުރުވެ، އެއާޕޯޓުގައި ޓެކްސީވޭ ނެތުމުން ކޮންމެހެން ވެސް ރަންވޭ އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން އެއާޕޯޓުގައި އިތުރު ރަންވޭއެއް އަޅަން ޖެހޭކަން ވެސް ޑރ. މަހުފޫޒު ފާހަގަކުރެއްވި އެވެ.
"އެކަން އާ ކުންފުނިން ފަށާނެކަމަށް. އޭރުން ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓް އިތުރަށް ތަރައްގީކޮށް ސަރަހައްދީ ފެންވަރުގެ ތަނަކަށް ހެދުމުގެ ވިސްނުން އެއާޕޯޓްސް ކޮމްޕެނީން ގެންގުޅެ އެވެ. އަދި އެކަމަށް އެއާޕޯޓް ތަރައްގީކުރުމުގެ އާ މާސްޓަ ޕްލޭނެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ. އެ މާސްޓަޕްލޭން އެކުލަވާލާފައި ވަނީ 2007 ވަނަ އަހަރު އިނިގިރޭސިވިލާތުގެ ސްކޮޓް ވިލްސަން ކުންފުންޏާ ހަވާލުކޮށްގެން ހެދި ޕްލޭން އަސްލަކަށް ބަލައިގެންނެވެ.
އާ މާސްޓާ ޕްލޭން ތަންފީޒުކުރުމަށް ނިންމާފައި ވަނީ އެއާޕޯޓް ހިންގުމަށް ސަރުކާރުން އަލަށް އުފައްދާފައިވާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީންނެވެ. އެ ކުންފުނިން އަންނަ މަހުގެ އެއް ވަނަ ދުވަހު އެއާޕޯޓް ހިންގުމާ ހަވާލުވުމަށް ފަހު އެ މާސްޓާ ޕްލޭން ތަންފީޒުކުރަން ފަށާނެ ކަމަށް އުއްމީދުކުރެވެ އެވެ.
ޑރ. މަހުފޫޒު ވިދާޅުވީ އެ މާސްޓަޕްލޭން ތަންފީޒުކުރުމަށް ކޮންސެލްޓެންޓަކު ހޯދުމަށް ކުރި އިއުލާނަކާ ގުޅިގެން ޖަރުމަނާއި ސިންގަޕޯ އަދި ކޮރެއާ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"އެ މާސްޓާ ޕްލޭންގައި އެންމެ ކައިރިކަމަކަށް އިސްކަމެއްދީގެން ކުރަން ނިންމާފައި ވަނީ ރަންވޭއެއް ހެދުން. އެ ރަންވޭއަކީ މިހާރު ހުރި އެންމެ ބޮޑު މަތިންދާބޯޓު ޖެއްސޭ ފެންވަރު ރަންވޭއަކަށްވާނެ،" އޭނާ ވިދާޅުވި އެވެ.
ބެގެޖް ސެކިއުރިޓީ ސްކްރީންކުރުން ބަދަލުކުރުން:
އެ މަސްޓަޕްލޭންގެ ދަށުން އެއާޕޯޓުގައި ޕެސެންޖަރުގެ ބެގެޖް ސެކިއުރިޓީ ސްކްރީން ކުރުމުގެ ނިޒާމް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ. އެބަދަލު ގެނައުމުން ޕެސެންޖަރުން އަމިއްލައަށް ބެގެޖް ސްކްރީންކުރާކަށް ނުޖެހެ އެވެ. އޭރުން ބެގެޖް ސްކްރީން ކުރެވޭނީ ޗެކިން ނިމުމުންނެވެ.
"އެއީ ވަރަށް ބޮޑު ބަދަލެއް. އޭރުން ޕެސެންޖަރުންނަށް ވަރަށް ބޮޑަށް އެނގުންވާނެ. އެކަންކުރަން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ. ޓާމިނަލްގެ ބިއްދޮށުގައި ހުރި ފާރުތަކާއި ފުރާޅުތަކާއި ތަނބުތަކެއް ބަދަލު ގެންނަން ޖެހޭ. އަދި ބެލްޓްތަކަށް ވެސް ބަދަލު ގެންނަން ޖެހޭ. އެތަނަށް ސެކިއުރިޓީ ޓީމްގެ މަސައްކަތް ވެސް ބަދަލުކުރެވޭނެ،" ސެކިއުރިޓީ ސްރީންކުރުމުގެ މަސައްކަތް ބަދަލުކުރާ ގޮތާ ބެހޭ ގޮތުން ޑރ. މަހުފޫޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސެކިއުރިޓީ ސްކްރީންގައި މިހާރު އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ އިމިގްރޭޝަން ނިންމުމަށް ފަހު ލަގެޖްތައް ހިފައިގެން ގޮސް ކަސްޓަމް ކިއޫގައި ޗެކްކުރަން މަޑުކުރަން ޖެހުން ކަމަށެވެ.
"މި ބަދަލު ގެނައުމުން ގްރީން ޗެނަލަކާއި ރެޑް ޗެނަލެއް ހެދޭނެ. ރެޑް ޗެނަލުން ދާ މީހުން ވަކިން ފާގަކުރެވިފައި ހުންނާނެ. އެރައިވަލްސް އަށް ދަބަސް ލިބޭއިރު ހުންނާނީ ސްކްރީން ކުރެވިފައި،" ޑރ. މަހުފޫޒު ވިދާޅުވި އެވެ.
ބޮޑު އާމްދަނީއެއް ހޯދުމުގެ އަމާޒު:
އެމްއޭސީއެލް އިން އެއާޕޯޓު ހިންގުމާ ހަވާލުވުމަށްފަހު އެއާޕޯޓަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް އަންނަ އެންމެ މުއްސަނދިންނަށް އަމާޒުކޮށްގެން އެއާޕޯޓުގެ ސީއައިޕީ އަދި ވީއައިޕީ ލައުންޖްގައި ވަނީ ޑިއުޓީ ފްރީ ފިހާރައެއް އަލަށް ހުޅުވައިފަ އެވެ.
"އެންމެ މުއްސަނދި ރާއްޖެއައިސް މިދަނީ ޑިއުޓީ ފްރީއެއް ނުފެނި. އެތަނުގެ މަގުސަދަކީ އެ މީހުންނަށް ޑިއުޓީ ފްރީއަށް އެކްސެސް ލިބުން. އެތަނުން ވެސް ޑިޕާޗާ ޓާމިނަލްގައި ހުންނަ ހުރިހާ ބާވަތްތަކެއް ލިބޭނެ. މިތަނަށް ހާއްސަ އައިޓަމްތަކެއް ގެންނާނެ. އަގު ބޮޑު ގަޑިއާއި އަވިއައިނު ފަދަ ތަކެތި ގެންނާނެ،" ޑރ. މަހުފޫޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން އެއާޕޯޓް ހިންގަން ހަވާލުވި ފަހުން އަމާޒުކޮށްފައި ވަނީ މި އަހަރުގެ ނިޔަލަށް އެއް ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދުމަށް ކަމަށް ކަމަށެވެ. ނަމަވެސް ފުރަތަމަ ކުއާޓަރު ނިމުނުއިރު 305 މިލިއަން ރުފިޔާ ލިބުމުން އެ އަމާޒު މުރާޖައާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފުރަތަމަ ކުއާޓަރު ނިމުނުއިރު 305 މިލިއަން ރުފިޔާ ލިބުމުން ޓާގެޓް ވަނީ ރިވައިސްކޮށްފައި. މިހާރު ލަފާކުރަނީ މި އަހަރުގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް،" ޑރ. މަހުފޫޒު ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި އެއާޕޯޓްގެ އޮޕަރޭޝަންގެ ތެރެއިން އާމްދަނީ ލިބޭ މައިގަނޑު ދެ ކަމަކީ މަތިންދާބޯޓަށް އަޅާ ތެލުގެ ވިޔަފާރި އާއި ޑިއުޓީ ފްރީ ފިހާރަ ހިމަނައިގެން ލިބޭ އާމްދަނީ އެވެ.
އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ދެމެދުވި އެއްބަސްވުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުވާލި އިރު އެމްއޭސީއެލް އަށް މިދިޔަ އަހަރު އެއްވެސް އާމްދަނީއެއް ނުލިބެ އެވެ.
ސަރުކާރުން އެއާޕޯޓާ ހަވާލުވިފަހުން އެއާޕޯޓުގެ މައްސަލަތައް ހައްލުކޮށް އެތަން ތަރައްގީކުރަން ހާއްސަ އިސްކަމެއްދެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.