އިންޓަނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަގުދިސްގެ ހަތަރު ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް ރައީސް މުހައްމަދު ވަހީދު ފަލަސްތީނަށް ވަޑައިގެން އެގައުމުގެ ރައީސް މަހުމޫދު އައްބާސްއާއި އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން އޮތީ ރާމަﷲ ގައި ހުންނަ ފަލަސްތީނުގެ ރައީސްގެ ގަނޑުވަރުގަ އެވެ.

ރައީސް ފަލަސްތީނުގެ ރައީސްގެ ގަނޑުވަރަށް ވަޑައިގަތުމާއެކު މަރްޙަބާ ވިދާޅުވީ ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސް އެވެ. އެއަށްފަހު، ރައީސް ވަހީދު އާއި ފަލަސްތީނުގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ދެޤައުމުގެ ގައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ގާޑް އޮފް އޮނަރެއް އެރުވި އެވެ.

ރާމަﷲ ގައި މިއަދު ފެށޭ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް ފަލަސްތީނަށް ވަޑައިގަންނަވަމުން ރައީސް ވަހީދު ވަނީ ޖޯޑަންއަށް ވަޑައިގެން ރަސްގެފާނު ޢަބްދުﷲ އާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އުރުދުނާ ދެ ގައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެއެވެ. އަދި ހާއްސަކޮށް އިގްތިސާދީ ދާއިރާއާއި ސިއްހީ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިންނާއި، މެޑިކަލް ޓުއަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވި ކަމަށް އެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށް ވެސް ވާހަކަފުޅު ދެއްކެވި ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އުރުދުންގެ ރަސްގެފާނަށް ދައުވަތު އެރުއްވި އެވެ. އަދި އިގްތިސާދީ ދާއިރާއިންނާއި، އެނޫން އެހެން ދާއިރާތަކުން ރާއްޖެއާ ގުޅުން ބަދަހިކުރެއްވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.