ރާއްޖެއިން އެމެރިކާ ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ އެއްބަސްވުން، ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ) ކަމަށް ބުނެ ލީކުކޮށްލާފައިވާ އެގްރިމެންޓަކީ "އަސްލު" އެގްރިމެންޓާ ހިލާފު، ބަދަލުތަކެއް ގެނެސްފައިވާ އެގްރިމެންޓެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ސޯފާ އެގްރިމެންޓާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު ނާޒިމާއި ބަންޑާރަ ނައިބު އައިޝަތު ބިޝާމް މިރޭ ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.

އެމެރިކާގެ ސަރުކާރުން ހުށަހެޅި "އަސްލު" އެގްރިމެންޓް ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީއަށް ހިއްސާ ކުރުމަށް އެ ދެ ބޭފުޅުން ވެސް ވަނީ ދެކޮޅު ހައްދަވާފަ އެވެ. އެ ދެ ބޭފުޅުން ވިދާޅުވީ ސޯފާ އެގްރިމެންޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އާ ހިއްސާ ކުރަން ޖެހޭ އެގްރިމެންޓެއް ކަމަށާއި އެ ކޮމެޓީގެ ދާއިރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީ އަށް ހިއްސާ ނުކުރައްވާނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ އެމެރިކާގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއާ ގުޅިގެން ތަމްރީނުތަކެއް ހަދަމުންދާ ކަމަށާއި އެ ތަމްރީނުތަކުގެ ސަބަބުން މައްސަލައެއް ދިމާވެދާނެތީ އެމެރިކާގެ ސަރުކާރުން ޑްރާފްޓް އެގްރިމެންޓެއް ހުށަހެޅި ކަމަށެވެ. އަދި އެއީ ސޯފާ އެގްރިމެންޓް ކަމަށާއި އެ އެގްރިމެންޓް ރައީސް އޮފީހާއި އެޓާނީ ޖެނަރަލްގެ އޮފީހާއި ކަސްޓަމްސްއާ ހިއްސާ ކުރެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް "ކޮންމެވެސް ހިސާބަކުން" އެ އެގްރިމެންޓް ލީކުކޮށް، އަސްލު އެގްރިމެންޓަށް ބަދަލުތަކެއް ގެނެސް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"މި އެގްރިމެންޓް ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރިން. ހިއްސާ ކުރީމަ ކޮންމެވެސް ހިސާބަކުން އަޅުގަނޑަށް ހީވަނީ މިވަނީ ލީކުކޮށްލާފައި. އަޅުގަނޑަކަށް ކޮން ދިމާލެއްކަން ދަންނަވަން ނޭނގޭ. އެ ލީކޮށްލި އެގްރިމެންޓަށް ބަދަލުތަކެއް ގެނެސް ސޯޝަލް މީޑިއާގައި މިކަން ހާމަކޮށްގެން މިދިޔައީ،"މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސޯފާ އެގްރިމެންޓާ ހަވާލާދީ ސޯޝަލް މީޑިއާގައި ބުނަމުންދާ ގޮތަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެމެރިކާ އަށް ދިނުމަށް ނިންމާފައި ނުވާނެ ކަމަށާއި ދިވެހިރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ގެއްލޭ އެއްވެސް އެގްރިމެންޓެއްގައި ދިވެހި ސަރުކާރުން ސޮއި ނުކުރާނެ ކަމަށެވެ.