ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ބީޖީ ސްޕޯޓްސް އަތުން 2-0ން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ލީގު ތާވަލުގެ ދެވަނައިގައި ހަމަޖެހިލައިފި އެވެ.

މެޗުގެ 23 ވަނަ މިނިޓުގައި މާޒިޔާގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ކެޕްޓަން އަޙްމަދު ރަޝީދު (އައްމަޑޭ) އެވެ. އަދި 82 ވަނަ މިނިޓުގައި މާޒިޔާގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަސަދުﷲ ޢަބްދުﷲ އެވެ.

ތާވަލުގެ އެންމެ ކުރީގައި މިވަގުތު އޮތް ހަތަރު ޓީމުންކުރެ ކޮންމެ ޓީމެއް ލީގުގައި ޖުމުލަ 10 މެޗު ކުޅެފައި ވާއިރު ތާވަލުގެ ދެވަނައިގައި މާޒިޔާ އޮތީ 18 ޕޮއިންޓާއެކު އެވެ. އަދި ތިން ވަނައިގައި އޮތް ކުލަބް ވެލެންސިޔާއަށް ލިބިފައި ވަނީ 15 ޕޮއިންޓެވެ. މިއަދުގެ މެޗުން ބަލިވި ބީޖީ ސްޕޯޓްސް ތާވަލުގެ ހަތަރު ވަނައިގައި އޮތީ 12 ޕޮއިންޓާއެކު އެވެ. އަދި 12 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއް ވަނައިގައި އޮތީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބެވެ.

މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނީ، މިއަދުގެ މެޗުން ތިން ޕޮއިންޓު ލިބުމުން ހިތްހަމަ ޖެހޭ ކަމަށާއި އަދި އެ ތިން ޕޮއިންޓަކީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށެވެ.

"މިއަދު ލިބުނު ތިން ޕޮއިންޓަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ވަރަށް މުހިންމު ތިން ޕޮއިންޓު. ތާވަލުގައި އަޅުގަނޑުމެންނާ ވަރަށް ބޮޑަށް ކައިރީގައި ބީޖީ މިއޮތީ. އެހެންވީމާ އަނެއްކާވެސް ތަފާތު ބޮޑުކުރެވިފައި މިއޮތީ. އިރާދަ ކުރެއްވިޔާ ކުރިއަށް އޮތްތާނގައި މި ވިނިން އެޓިޓިއުޑް އަޅުގަނޑުމެން މެއިންޓެއިން ކުރާނަން،" އިންމަ ބުންޏެވެ.

ބީޖީގެ ކޯޗު ފަބިއޯ ލޮޕޭޒް ބުނީ، މިއަދުގެ މެޗުން ބަލިވީ، ދެޓީމުގެ ކުޅުންތެރިންގެ ފެންވަރު ތަފާތު ވުމުގެ ސަބަބުން ކަމަށާއި އޭނާގެ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިން ތަކެއް ނެތުމުގެ ސަބަބުން އެތަފާތު މާބޮޑަށް ފެނުނީ ކަމަށެވެ.

"މިއަދުގެ މެޗުގައި އަހަރުމެން ކުޅުނީ މުހިންމު ހަ ކުޅުންތެރިއަކު ނެތި. އަދި މި ހާލަތު މިގޮތަށް އޮންނަތާ މިހާރު މަހެއްހާ ދިވަސް މިވީ. މާޒިޔާ އެހާ ވަރުގަދަ. މާނައަކީ ދަނޑުމަތީގައި ވަރުގަދަ ކުޅުންތެރިން ތިބީ މާޒިޔާގައޭ،" ބީޖީގެ އިޓަލީ ކޯޗު ބުންޏެވެ.

ލޮޕޭޒް ބުނީ އެޓީމަށް ދިމާވެފައިވާ ސަސްޕެންޝަންގެ މައްސަލަ ހައްލުވެ ކުރިއަށް އޮތްމެޗުގައި ހުރިހާ ކުޅުންތެރިން ފެންނާނޭ ކަމަށް އުންމީދު ކުރާ ކަމަށާއި އަދި އޭނާގެ ޓީމުގެ ފަރާތުން މިހާރަށްވުރެ ރަނގަޅު ކުޅުމެއް ފެނިގެން ދާނޭ ކަމަށެވެ.

ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ، 9 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އޮތް ކުލަބް އީގަލްސް އާއި 10 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.