04 Jun 2013, 22:36
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ އދ. ކުޑަރަށް ރިސޯޓާއި ހއ. އަލިދޫ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ހަތް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ނުދައްކައިގެން އެ ދެ ރިސޯޓް ސަރުކާރަށް ނެގުމަށް ސަރުކާރުން ކުރި މަސައްކަތް ސިވިލް ކޯޓުގެ ވަގުތީ އަމުރަކުން ހުއްޓުވައިފި އެވެ.
ޔޮޓް ޓުވާޒް އިން ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ހަތް މިލިއަން ޑޮލަރު ނުދައްކައިގެން ސަރުކާރުން އަލިދޫ އާއި ކުޑަ ރަށުގެ އެގްރީމަންޓް އުވާލައި ފުނުވި ލިޔެކިޔުންތައް ބާތިލުކޮށްދިނުމަށް އެދި ޔޮޓް ޓުވާޒް އިން މިއަދު ވަނީ ސިވިލް ކޯޓަށް ދެ ދައުވާއެއް ހުށަހަޅައިފަ އެވެ. އަދި އެ ދައުވާގައި ވެސް އެ ދެ ރަށަށް ނޭރުމުގެ ވަގުތީ އަމުރަކަށް އެދިފައިވެ އެވެ.
ޔޮޓް ޓުވާޒްގެ ޗެއާމަން އަބްދުﷲ ޖާބިރު މިރޭ ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޯޓުން މިރޭ ވަގުތީ އަމުރެއް ނެރެދީފައި ވަނީ އެ ދެެރަށުގެ އެއްބަސްވުން ސަރުކާރުން އުވާލާފައިވާ މައްސަަލަ އެކުންފުނިން ކޯޓަށް މިއަދު ހުށަހެޅުމުން އެމައްސަލައާ މެދު ކޯޓުން ވަކި ގޮތަކަށް ނިންމަންދެން ކަމަށެވެ. އަދި އެ ދެރަށުގެ އެގްރީމަންޓް އުވާލުމާ ގުޅިގެން ހިނގައި ދިޔަ ކަންތައްތަކުގެ ގެއްލުމުގެ ބަދަލު ސަރުކާރުން ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ މައްޗަށާއި ޓޫރިޒަމްގެ މައްޗަށް ވެސް އަމުރުކޮށްފައި މިވަނީ އެ ދެ އެއްބަސްވުން އުވާލުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް، އަޅުގަނޑުމެންނަށް ވަނީ އިޔާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތައް ލިބިފައި އެ މައްސަލަތަކުގެ ދައުވާ ވެސް އުފުލާނަން،"ޖާބިރު ވިދާޅުވި އެވެ.
ޔޮޓް ޓުވާޒް އިން ހިންގާ އެ ދެ ރިސޯޓަށް ނޭރުމުގެ އަމުރެއް ކޯޓުން ނެރެދީފައި މިވަނީ އެ ދެ ރިސޯޓްގެ ތެރެއިން އދ. ކުޑަރަށާއި ހަވާލުވުމަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ރޭ އެރަށް އެރުމަށް މަސައްކަތްކޮށްފައި ވަނިކޮށެވެ. ނަމަވެސް އެ ރަށަށް ދިޔަ ޓީމަށް އެ ރަށަށް އެރިޔަ ނުދީ ވަނީ ފޮނުވާލައިފަ އެވެ.
ޔޮޓް ޓުވާޒްއާ އެކު ސަރުކާރުން ވެފައިވާ އެ ދެ ރަށުގެ އެގްރީމަންޓްގެ ތެރެއިން އަލިދޫގެ އެގްރިމަންޓްގައިވާ ގޮތުން ޓޫރިޒަމްގެ ޓީމް އެ ރަށަށް އަރާތާ ހަތް ދުވަހުގެ ތެރޭގައި ރަށް ސަރުކާރާ ހަވާލުކުރަން ޖެހޭ ކަމަށާއި ކުޑަރަށުގެ އެގްރިމަންޓްގައިވާ ގޮތުން އެ ރަށަށް އެރުމާ އެކު ރަށް ސަރުކާރާ ހަވާލުކުރަން ޖެހޭނެ ކަމަށް ޓޫރިޒަމުން ވަނީ ބުނެފަ އެވެ.
ޔޮޓް ޓުވާޒްގެ އެ ދެ ރިސޯޓުގެ ކުލި ނުދައްކައިގެން، ދެވަނަ ފަހަރަށް ފޮނުވި ނޯޓިސްގެ މުއްދަތު މިއަދު ހަމަވި އިރު އެ ފައިސާ ދައްކާފައި ނުވާތީ ސަރުކާރުން އެ ދެ ރިސޯޓު އެގްރިމަންޓް އުވާލީ މިިދިޔަ އަންގާރަ ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ކުރިން ވިދާޅުވީ، އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް އިން ހިންގާ ދެ ރިސޯޓުގެ އެގްރިމަންޓް އުވާލާފައި ވަނީ ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ދެވަނަ ފަހަރަށް ފޮނުވި ނޯޓިސްއާ އެއްގޮތަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުލި ދައްކާފައި ނުވާތީ ކަމަށެވެ.
"ފުރަތަމަ ނޯޓިސް ފޮނުވުމުން ކުލި ތިން އަހަރަށް ބަހާލައި އަދި ޖޫރިމަނާ ދިހަ އަހަރަށް ބަހައި ދިނުމަށް ފަހު، އެއްބަސްވީ ކުލި ދައްކަން. ނަމަވެސް ކުލި ނުދެއްކުމުން ދެވަނަ ފަހަރަށް ނޯޓިސް ފޮނުވުމުން ވެސް ފައިސާ ނުދެއްކުމުން އެއްބަސްވުން އުވާލީ. އަދި އެ ދެ ރިސޯޓާ ހަވާލުވާން އަޅުގަނޑުމެން މިހަފުތާގައި ދާނަން،" އޭނާ ވިދާޅުވި އެވެ.