04 Jun 2013, 22:14
އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) މޯލްޑިވްސް އާއި އިންޑިޔާގެ މަނިޕާލް ހޮސްޕިޓަލާ ގުޅިގެން އައްޑޫސިޓީގައި ހިތުގެ ބައްޔަށް ފަރުވާ ދިނުމާއި، އެ ބައްޔާ ބެހޭގޮތުން މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ހިތުގެ ބައްޔާ ބެހޭ ކޭމްޕެއް މާދަމައިން ފެށިގެން ހަތަރު ދުވަހުގެ ކުރިއަށް ގެންދާނެ އެވެ.
ރާއްޖޭގެ ބައެއް ޑޮކްޓަރުންނާއި އަދި ހޮސްޕިޓަލް ތަކުގެ އިސްފަރާތްތަކަށް ހިތުގެ ބައްޔާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ސެމިނާއެއްގައި މަނިޕާލް ހޮސްޕިޓަލުގެ ހިތުގެ ބައްޔާބެހޭ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ދޭވް ދޭވަނަންދާ ވިދާޅުވީ، އައިއެމް ޑީސީއާ ގުޅިގެން އޭނާ ރާއްޖެއަށް ކުރަށްވާ މި ދަތުރަކީ ރާއްޖޭގައި މިވަގުތު ފަރުވާ ލިބުމަށް އެންމެ ދަތި ހާލަތެއްގައި އޮތް ހިތުގެ ބައްޔާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، އަދި އެބައްޔަށް ފަރުވާހޯދަން ޖެހޭ ފަރާތްތަކާއި އެކަމަށް އެދޭ ފަރާތްތައް ދެނެގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މާދަމައިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ، އައިއެމްޑީސީގައި ޑރ. ދޭވް ބަލިމީހުން ބައްލަވަން ފައްޓަވާއިރު އެކަމަށްއެދި މިހާރުވެސް 100 ފަރާތަކުން އެޕޮއިންޓްމަންޓް ހަދާފައިވާކަމަށް އައިއެމްޑީސީގެ މައި ކުންފުނި ކަމަށްވާ ސިމްޑީ ގްރޫޕްގެ ހިއުމަން ރިސޯސް މެނޭޖަރު އަޙްމަދު އިރާޝް ވިދާޅުވި އެވެ.
ޑރ. ދޭވް ފާހަގަ ކުރެއްވި ގޮތުގައި މަނިޕާލް ހޮސްޕިޓަލުން ބޭނުންވަނީ އައިއެމްޑީސީއާއި ގުޅިގެން ރާއްޖޭގައި މިވަގުތު ފަރުވާ ލިބެންނެތް ހާއްސާ ބަލިތަކަށް ފަރުވާ ހޯދޭނޭ ގޮތް ހޯދައި ދިނުމަށެވެ. އެގޮތުން ހާއްސަ ގޮތެއްގައި ހިތުގެ ބައްޔާއި، ކެންސަރާއި އަދި ތެލެސީމިއާ އަށް އިސްކަން ދެއްވާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މަނިޕާލް އަކީ އިންޑިޔާގައި މިވަގުތު ހުރި ތިންވަނައަށް އެންމެ ބޮޑު ހޮސްޕިޓަލް ގުރޫޕެވެ. އަދި ޑރ. ދޭވް އަކީ އެހޮސްޕިޓަލުގެ ކާޑިއޯތޮރެސިކް އެންޑް ވަސްކިއުލާ ސާޖަރީގެ ހެޑްއޮފް ޑިޕާޓްމަންޓުގެ އިތުރުން މިވަގުތު އިންޑިޔާގައި ހުރި ހިތުގެ ބަލިތަކާ ބެހޭ އެންމެ މަޝްހޫރު އެއް ޑޮކްޓަރެވެ. އަދި އޭނާއަކީ އޯޕަން ހާޓް ސާޖަރީއަށްވެސް މިވަގުތު އިންޑިޔާގައި ހުރި އެންމެ މޮޅު އެއް ސާޖަންއެވެ.
އައިއެމްޑީސީއިން ބުނީ، ޑރ. ދޭވްއަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން 7998802 މޮބައިލް ފޯން ނަމްބަރަށް ގުޅުއްވައިގެން އެޕޮއިންޓްމަންޓް ހެއްދެވުމުގެ ފުރުސަތު އަދިވެސް އެބަ އޮތްކަމަށެވެ.