04 Jun 2013, 22:09
ފުލުހުންގެ އިންޓަލިޖަންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ފުލުހުންގެ ވަޒީފާގައި ހުރި އިރު، ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ކުރި ކަމަށް ސާބިތު ނުވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ން އެމްސީ ހަމީދަށް އަންގައިފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އާޓްފިޝަލް ބީޗުގައި އޭރުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގަން ތައްޔާރުވެފައިވަނިކޮށް، ފުލުހުންގެ ފައުޖުތައް އެ ސަރަހައްދު ދޫކޮށް ދިއުމަށް ޣައިރު ގާނޫނީ އަމަލު ކުރި ކަމަށް އެމްސީ ހަމީދުގެ މައްޗަށް ޕީއައިސީގެ ތަހުގީގުގައި ތުހުމަތުކޮށްފައިވެ އެވެ. އެ މައްސަލާގައި އެމްސީ ހަމީދުގެ ބަޔާން ނަގައި ތަހުގީގު ކުރަމަށް ފަހު އެ މައްސަލަ ނިންމާފައި ވަނީ މިދިޔަ އެޕްރީމް މަހުގެ 28 ވަނަ ދުވަހު ކަމަށް އެމްސީ ހަމީދު މިރޭ ވިދާޅުވި އެވެ.
އެމްސީ ހަމީދު "ސަން"އާ ވާހަކަދައްކަވަމުން މިރޭ ވިދާޅުވީ ޕީއައިސީން ތަހުގީގަށް އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނުވަތީ ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ކުރިކަން ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ސިޓީއެއް މިއަދު ފޮނުވާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އާޓްފިޝަލް ބީޗަށް އެއްވެފައި ތިބި ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގަން ތައްޔާރުވެފައި ވަނިކޮށް، ފުލުހުންގެ ފައުޖުތައް އެ ސަރަަހައްދު ދޫކޮށް ދިޔުމަށް ޣައިރު ގާނޫނީ އަމަލު ކުރި މައްސަލަ ފުލުސް އޮފީހުން ވެސް ތަހުގީގުކުރި ކަމަށް އެމްސީ ހަމީދު ވިދާޅުވި އެވެ.
އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އެމްޑީޕީން ނެރުނު ފޮތަށް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ހިއްސާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެމްސީ ހަމީދު އެ މައުލޫމާތު ހިއްސާ ކުރި ކަމަށް ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށެވެ.