04 Jun 2013, 16:38
އައްޑޫގައި އަވަށު ބޯޑުތައް ހަދައި އެ ބޯޑުތަކަށް މީހުން އައްޔަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އައްޑޫ ސިޓީގެ ހިތަދޫ މެޖިސްޓްރޓް ކޯޓުން ހުކުމް ކޮށްފި އެވެ.
ހިތަދޫ ނޫރުވާދީ އިބްރާހީމް ރަޝީދު ވަޖުދީ މިދިޔަ އަހަރުގެ ނޮވެމްބަރު 14ގައި ކޯޓަށް ހުށަހެޅި މައްސަލަ އާ ގުޅިގެން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އަވަށު ބޯޑުތައް އުފައްދާފައި އެ އަވަށު ބޯޑްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ މަގާމްތަކަށް މީހުން ހަމަޖައްސާފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ކަމަށެވެ.
"...އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފަރާތުން އެ އިދާރާގެ ރަށްތަކުގެ ތެރެއިން ހިތަދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ވަގުތީ ނައިބް ރައީސްގެ މަގާމާއި މަރަދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ވަގުތީ ނައިބް ރައީސްގެ މަގާމާއި ފޭދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ނައިބް ރައީސްގެ މަގާމާއި ހުޅުމީދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސާއި ވަގުތީ ނައިބް ރައީސްގެ މަގާމަކީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނުން ހިންގުމުގެ ގާނޫނާ ހިލާފަށް އުފައްދާފައިވާ މަގާމުތަކެއް
ކަމަށް ކަނޑައަޅައި މި މަގާމުތަކަކީ ބާތިލު މަގާމުތަކެއް ކަމަށް ހުކުމްކޮށް، އެ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުން އެ މަގާމުތަކުން ވަކި ކުރުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މައްޗަށް އަންގައި އަމުރުކޮށް މި ގަޒިއްޔާ ނިންމީމެވެ." ހިތަދޫ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އުފައްދާފައިވާ އަވަށު ބޯޑްތަކާއި އެ ބޯޑްތަކަށް މީހުން އައްޔަން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ބުނެފަ އެވެ. އަދި އެ އަވަށު ބޯޑްތައް އުފައްދައި މަގާމްތަކަށް މީހުން އައްޔަން ކުރުމުގެ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަަށް ފޮނުވާފަ އެވެ.