04 Jun 2013, 16:05
ކުޑަކުދިންތަކަކަށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދައްކައިގެން އެ ކުދިންނާ މެދު އެއް ޖިއްސުން ގުޅުން ހިންގި ބިދޭސީ މީހެއްގެ މައްސަލައިގެ ތަހްގީގު ނިންމާ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލާގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ކަހަދުގޮޑަ ކަންކާނަމަގެ މުހައްމަދު ގުނަދާސަ،72،ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކެއް އެޕާޓްމަންޓަކަށް ގެންގޮސް އެ ކުދިންނަށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ދައްކައިގެން އެކުދިންނާ މެދު އެއްޖިންސުން ގުޅުން ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ކުޑަ އަހެންކުއްޖަކަށް ބަރަހަނާ ވީޑިއޯ ދެއްކުމަށް ފަހު އެ ކުއްޖާ އާ މެދު ޖިންސީ އަމަލު ހިންގަން އުޅުނު ބިދޭސީއަކު ތިން އަހަރަށް ޖަލަށް ލާން މިދިޔަ މަހުގެ ކުރީކޮޅުގައި ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.