ސ. ފޭދޫން ޝަންގްރިއްލާ ރިސޯޓަށް ދަތުރު ކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ދޯނިން ގެއްލިފައި ވަނީ އިންޑިޔާގެ ރައްޔިތެއް ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.


އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ސިމެންތި ބަރުކޮށްގެން ދަތުރު ކުރި ދޯނި، ރޭ ގާތްގަނޑަކަށް 11:30 ހާއިރު އަޑިއަށް ދިޔަ އިރު އެ ދޯނީގައި ތިބީ 20 މީހުން ކަމަށް ކުރިން ބެލެވުނު ނަމަވެސް އެ ދޯނީގައި ތިބީ 16 ބިދޭސީންނާއި ދެ ދިވެހިންނާ އެކު ޖުމްލަ 18 މީހުން ކަމަށާއި އަދި ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާގެ މީހެއް ކަމަށެވެ. އެ މީހަކީ ދޯނި ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަށް ނޭނގި ދޯންޏަށް އެރި  ޝަންގްރިއްލާގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ ޒެޑްއެސް ކޮމްޕެނީގެ މީހެއް ކަމަށް ވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.


އަބްދުﷲ އަލީ ވިދާޅުވީ އެ ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ތިބި މީހުންގެ ތެރެއިން ރޭ ސަލާމަތް ކުރި އެންމެންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ.


އެ ހާދިސާ ހިނގައިގެން ރޭ ކޯސްޓްގާޑު އެ ސަރަހައްދަށް ދިޔަ އިރު ދޯނި ފެންނަން ވެސް ނެތް ކަމަށާއި ނަމަވެސް މިއަދު ހެނދުނު އެމްއެންޑީއެފްގެ ޑައިވަރުން ކުރި މަސައްކަތުން އެ ދޯނި ކަނޑުއަޑިން މިހާރު ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އެ ދޯނީގައި ތިބީ ދިވެހި ކައްޕި އަކާއި ދިވިހެ ފަޅުވެރިއަކާ އެކު ބިދޭސީ 16 މީހުން. ގެއްލުނު މީހާގެ ނަމެއް ލިސްޓުގައެއް ނެތް. ނަމަވެސް މިހާރު އިތުރު މީހަކު ދޯނީގައި އެވަގުތު ހުރިކަން ވަނީ ޔަޤީންވެފައި. އެހެންވެ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން މި އަންނަނީ. ރެ އިން ފެށިގެން މިހާތަނަށް ކުރި މަސައްކަތުން ޑައިވަރިންނަށް ވަނީ ފޭދު އާއި ސަންގްރިއްލާއާ ދެމެދު ގަމުގެ ފިއުލް ޖެޓީއާ ދިމާ ބޭރުން އަޑީގައި ދޯނި އޮއްވާ ފެނިފައި." އަބްދުﷲ އަލީ ވިދާޅުވި އެވެ.