04 Jun 2013, 15:49
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ ނަފީސާ ޚާން، 25، (ޖިއާ ޚާން) މުމްބާއީގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ދަންޖެހިގެން މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ޖިއާ ދަންޖެހިގެން މަރުވެފައި އޮއްވައި ފެނުނީ އޭނާގެ މަންމަ ރާބިޔާ އަމީން (80ގެ އަހަރު ތަކުގައި ހިންދީ ފިލްމު ކުޅުނު އެކްޓެރެސް އެއް) އަށެވެ.
ފުލުހުން ބުނެފައިވަނީ ޖިއާ ދަންޖެހިގެން އަމިއްލައަށް މަރުވާން މެދުވެރިވި ސަބަބު ބަޔާންކޮށް އޭނާ އެއްވެސް މެސެޖެއް ފަދަ އެއްޗެއް ދޫކޮށްފައި ނުވާ ކަމަށާއި އަދި އެކަމުގެ ސަބަބު އޮޅުން ފިލުވުމަށްޓަކައި އަވައްޓެރިންނާ ވާހަކަ ދައްކައިގެން މައުލޫމާތު އެއްކުރަމުން ގެންދާ ކަމަށެވެ.
"ރޭ 10:45 އެހާ ކަންހާއިރު މުމްބާއީގެ ސާގަރު ސަންގީތުގައި ހުންނަ އޭނާގެ އެޕާޓުމަންޓުގެ ފުރަތަމަ ބުރީގައި، ޖިއާ ޚާންގެ ނަމުން މަޝްހޫރުވެފައިވާ ނަފީސާ ޚާން ދަންޖެހިގެން މަރުވެފައި އޮއްވާ ފެނުނީ އޭނާގެ މަންމައަށް،" ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޗޭރިން ޑޯރްޖޭއާ ހަވާލާދީ ބީބީސީގައި ލިޔެފައި ވެއެވެ. "މަރުގެ ސަބަބު ދެނެގަތުމަށްކައި ޕޯސްޓް މޯޓަމް އެއް ހެދުމަށް އޭނާގެ ހަށިގަނޑު މިހާރުވަނީ ހޮސްޕިޓަލަށް ގެންދެވިފައި"
ޖިއާ ޚާން އުފަންވެފައިވަނީ އެމެރިކާގެ ނިއުޔޯކް ސިޓީއަށެވެ. އަދި ބޮލީވުޑްގައި ފިލްމީ ކެރިއަރު ފެށުމުގެ ކުރިން އޭނާ އުޅެ ބޮޑުވެފައި ވަނީ ލަންޑަނުގަ އެވެ.
ޖިއާ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުމެފައި ވަނީ، 2007 ވަނަ އަހަރު އަމީތާބް ބައްޗަންއާ އެކުގަ އެވެ. އަދި އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި އާމިރު ޚާންގެ ސައިކޮލޮޖިކަލް ތްރިލާއެއް ކަމަށްވާ ގަޖްނީ އާއި، 2010 ވަނަ އަހަރު ނުކުތް މަޝްހޫރު ކޮމެޑީ ފިލްމް ހައުސްފުލްގައި އަކްޝޭ ކުމާރާ އެކު ސަޕޯޓިން ރޯލެއް ކުޅެފައިވެ އެވެ.
ޖިއާ ޚާންގެ އެ ކުއްލި މަރާ ގުޅިގެން ބޮލީވުޑަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި ފިލްމީތަރިންގެ އިތުރުން ޖިއާގެ ފޭނުން ވެސް ގެންދަނީ ސޯޝަލް މީޑިޔާގައި އެކަމާ ހިތާމަ ފާޅުކޮށް މެސެޖްތައް ފޮނުވަމުންނެވެ.