04 Jun 2013, 15:47
ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(އެފްބީއައި) އިން ތަމްރީނު ހޯދުމުގެ ދަތުރެއްގައި ދިވެހި 22 ފުލުހަކު އެމެރިކާ އަށް ފުރައިފި އެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 10 އިން 22 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގައި ކުރިއަށްދާ އެ ތަމްރީނުތަކުގައި ދިވެހި ފުލުހުންގެ ފަރާތުން ބައިވެރި ވަނީ ފުލުހުންގެ ތަހުގީގް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ސީނިއާ ނަން ކޮމިޝަން އޮފިސަރުންގެ 21 ފުލުހަކާއި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އެއް ފުލުހެއް ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެފްބީއައިގެ އެތަމްރީނުތަކުގައި މިމަހުގެ 10 ވަނަ ދުވަހުން 15 ވަނަ ދުވަހަށް ތަހުގީގުކުރުމުގެ ތަމްރީނާއި އަމަލީ ތަޖުރިބާ ލިބިގަތުމަށް މަސައްކަތްކުރާނެ ކަމަށާއި އަދި 15 ވަނަ ދުވަހުން 22 އަށް އެމެރިކާގެ ލޮސްއެންޖަލިސްގައި ހުންނަ އެފްބީއައިގެ ޑިވިޒަންތަކުގައި ބައިވެރިން ތަމްރީނާއި އަމަލީ ތަޖުރިބާ ލިބިގަތުމަށް މަސައްކަތްކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
"ތަމްރީނު ޕްރޮގްރާމުގައި އިންޓަވިއު ކުރާނެ ގޮތްތަކާއި ކޭސް މެނޭޖްކޮށް ތަޙުގީގުކުރާނެ ގޮތްތަކާއި ސައިބާ ކްރައިމް އާއި ހިއުމަން ޓްރެފިކިން އާއި ގޭންގު ކުށްތަކާ ބެހޭ ތަޙުގީގުތަކުގެ އިތުރުން ތަޙުގީގީ ދާއިރާތަކުގައި ބޭނުންވާނެ ގިނަ ކަންކަމާއި ބެހޭގޮތުން މައުލޫމާތުދެވި އަމަލީގޮތުން މިކަންކަމުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ. އަދި ވޮޝިންޓަންގައި ހުންނަ ޖަލުތަކަށް ޒިޔާރަތްކުރުމަށްވެސް ހަމަޖެހިފައި." ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތަމްރީނު ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަހުގީގުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެފަރާތްތައް މަސައްކަތްކުރާ ދާއިރާގެ ތަމްރީނާއި ތަޖުރިބާ އިތުރަށް ހޯދައި ފުލުހުންކުރަމުންގެންދާ ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް އިސްނަންގަވައިގެން އެފްބީއައި އާއި ގުޅިގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.