04 Jun 2013, 15:32
ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭ ގޮތަށް އެމެރިކާ އިން ހުށަހެޅި ސްޓޭޓަސް އޮފް ފޯސަސް (ސޯފާ) އެގްރީމެންޓްގެ މައްސަލައިގައި ޑިފެންސް މިނިސްޓަރު އަހްމަދު ނާޒިމާއި ބަންޑާރަ ނައިބު އައިޝަތު ބިޝާމް ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އަށް މިރޭ ހާޒިރުކުރުމަށް ނިންމައިފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ބައެއް ވަޒީރުން ކޮމެޓީ އަށް މިރޭ ހާޒިރުކުރުމަށް ނިންމީ ސޯފާ އެގްރިމެންޓްގެ ނަމުގައި އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ކުރަން އުޅޭ ވާހަކައާ ބެހޭ ގޮތުން ބެހޭ ގޮތުން މީޑިޔާތަކުއާއި ބައެއް ވަޒީރުން ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.
އަލީ ވަހީދު ވިދާޅުވީ މިރޭ ބާއްވާ ކޮމެޓީ އަށް އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ވެސް ހާޒިރުވުމަށް އަންގާފައިވާ ކަމަށާއި ނަމަވެސް އޭނާ ރާއްޖެ ނޫޅުއްވާތީ ކޮމެޓީ އަށް ހާޒިރުވެވެން ނެތް ވާހަކަ ދަންނަވާފައިވާނެ ކަމަށެވެ.
ސޯފާ އެއްބަސްވުމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ އެއްބަސްވުމާ ބެހޭ މައުލޫމާތެއް މަޖިލީހަށް ހިއްސާކުރުމަށް ވެސް އެ ކޮމެޓީން ވަނީ އެދިފަ އެވެ.
މާލޭގައި ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލް ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް މިރޭ އެ ކޮމެޓީ އަށް ހާޒިރުކުރުމަށް ވަނީ ނިންމައިފަ އެވެ.