ސްރީލަންކާގެ މީހަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ސްރީލަންކާ ފައިސާތަކެއް އަތުލި މައްސަލައެއްގެ ތުހުމަތުގައި ދިވެއްސަކު ލަންކާ އިން ހައްޔަރުކޮށްފި އެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފައި ވަނީ ސްރީލަންކާގެ މީހަކަށް ވަޒީފާއެއް ހޯދައިދޭނެ ކަމަށް ބުނެ އެމީހާގެ އަތުން 3.5 މިލިޔަން ލަންކަން ރުފީސް އަތުލުމަށް ފަހު ފިލައިގެން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ އެ ދިވެއްސެއް ކަމަށެވެ. ފުލުހުން އެ ދިވެހި މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ފައިސާތައް ނެގި ލަންކާގެ މީހާގެ ގެއަށް ދިޔަަތަނާ އެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ އެމައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ ދިވެހި މީހާ ޕާސްޕޯޓް ޗެކްކުރިއިރު އޭނާގެ ވިސާގެ މުއްދަތު ހަަމަވެފައިވާ ކަމަށެވެ. މިމައްސަލަ ލަންކާގެ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.