04 Jun 2013, 15:14
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދޭންޖެހޭނެ ކަމަށް ބުނާ މާއްދާތައް އުނިކުރުމަށް ހުށަހެޅި އިސްލާހު މަޖިލީޙަށް ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދޭންޖެހޭނެ ކަމަށް ބުނާ މާއްދާ އުނިކުރުމަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅޮ އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
އިމްތިޔާޒްގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވަމުން އީވާ ވިދާޅުވީ އިމްތިޔާޒްގެ ގާނުގައި ހިމެނިފައިވާ އެ ކަންތައްތަކަކީ މެންބަރުކަމުން ވަކިވުމަށް ފަހު ލިބިގެންވާނެ އިމްތިޔާޒްތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭނީ އިނާޔަތެއް ނޫން ކަމަށާއި ދޭން ޖެހޭނީ ސަލާމަތާއި ރައްކާތެރިކަން ކަމަށް އީވާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ހ.ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކުރައްވާފައިވާ ބޭފުޅަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގއެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އޮން މުސާރައެއްގެ 30 ޕަސެންޓް ދައުލަތުން ދޭންވާނެ ކަމަށެވެ. އަދި އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ ދެ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް މުސާރައިގެ 45 ޕަސެންޓް ދޭންވާނެ ކަމަށެވެ.
އިމްތިޔާޒްގެ ގާނޫނުގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްދޭ އިނާޔަތާއި ރައްކާތެރިކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްދޭ ހެލްތު އިންޝުއަރެންސް ދޭން ވާނެ ކަމަށެވެ. އަދި އެ ގާނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްދޭ ފަދަ އޮފިޝަލް ޕާސްޕޯޓެއް ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިމްތިޔާޒްގެ ގާނުގެ ނުވަނަ މާއްދާ އާއި 10 ވަނަ މާއްދާ ވެސް އުނިކުރުމަށް ހުށަހަޅައިފަ އެވެ. އެ މާއްދާތައް އުނިކުރުމަށް ހުށަހަޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.
އިމްތިޔާޒްގެ ގާނޫނުގެ ނުވަވަނަ މާއްދާ އާއި 10 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭން ޖެހޭނެ މާލީ އިނާޔަތުގެ ވާހަކަ އެވެ. އެގޮތުން ބިލްގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް މުސާރައިގެ 30 ޕަސެންޓް ދޭން ވާނެ އެވެ. އަދި ދެ ދައުރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންކޮށްފައިވާ ބޭފުޅަކަށް މުސާރައިގެ 45 ޕަސެންޓް ދޭން ވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
އިމްތިޔާޒްގެ ގާނުނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް އިސްލާހަށް ތާއިދު ކުރެއްވި އެވެ. އަދި މެންބަރުން ވިދާޅުވީ އެ ބޭފުޅުން އެއް ވެސް މާލީ އިނާޔަތެއް ބޭނުން ނުވާ ކަމަށާއި ހަމައެކަނި ބޭނުން ވަނީ ސަލާމަތާއި ރައްކާތެރިކަން އެކަނި ކަމަށެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިވާ ހުށަހެޅުއްވި އިސްލާހު ބަލައިގެންފައި ވަނީ 46 މެންބަރުންގެ އަޣުލަބިޔަތުންނެވެ. އަދި އަލީ ރިޒާ ހުށަހެޅުއްވި އިސްލާހު ބަލައިގެނެފައި ވަނީ 41 މެންބަރުންގެ ވޯޓުންނެވެ. އެ ބިލް ބަލައިގަތުމުން އަލުން އިސްލާހް ކުރުމަށް ވަނީ ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވާފަ އެވެ.