ނޫސްވެރިން ޝާއިއުކުރާ ލިޔުންތަކުގެ މަސްދަރު ހާމަކުރަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.

އިމްތިޔާޒުގެ ގާނޫނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ނޫސްވެރިކަން ކުރުމާއި މުވާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާއި މީގެ ތެރޭގައި ހަބަރާއި މައުލޫމާތާ ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ލިބިގެންވާ ކަަމަށެވެ. އެގޮތުން ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއް ހާމަ ކުރުމަކަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެ ކަމަށް އިސްލާހުގައިވެ އެވެ.

މިހާރު އަމަލު ކުރަމުންދާ އިމްތިޔާޒުގެ ގާނޫނުގައި ބުނެފައި ވަނީ މަޖިލީހަށް ހާޒިރުކުރާ މީހާ އާއި ކުރެވޭ ސުވާލުތަކަށް އެ މީހަކަށް އެނގި ހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމަށާއި ޖަވާބު ނުދީފި ނަމަ ނުވަތަ ލިޔުމެއް ނުދީ ފޮރުވައިފި ނަމަ އެ މީހަކީ މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވީ މީހެއް ކަމުގައިވާނެ އެވެ. އެ މީހެއްގެ އަދަބަކީ 1000ރ. އާއި 3000ރ. އަދަދަކުން ޖޫރިމަނާކުރުމާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަ މަހުގެ މުއްދަތަށް ޖަލަށްލުމެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިުލީޙުގެ ޖަލްސާގައި އެ ބިލް ބަލައިގަތުމަށް ފާސްވެފައި ވަނީ 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތުމުން ބިލް އަލުން އިސްލާހު ކުރުމަށް ވަނީ ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވައިފަ އެވެ.